Last Updated: June 15, 23:32
Monday, June 15, 2026
ޚަބަރު

ދިވެހިންގެ އަގީދާ ބަލިކަށި ކުރަން މަސައްކަތް ކުރޭ: ރައީސް

ފޮޓޯ-ރައީސް އޮފީސް

ރާއްޖެއަކީ ސައްތަ އިން ސައްތަ މުސްލިމް ގައުމަކަށްވާތީ ހަސަދަވެރިވެގެން އުޅޭ ބަޔަކު އެބަތިބި ކަމަށާއި ދިވެހިންގެ ދީނީ އަގީދާ ބަލިކަށިކުރުމަށް އެތެރެއިންނާއި ބޭރުން ވެސް ފިއްތުންތައް ކުރުވައިގެން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން ރޭ ރައީސް ޔާމީން ފޮނުއްވި ޚިތޯބުގައި ވިދާޅުވެފައި ވަނީ ދިވެހިންގެ އަގީދާ ބަލިކަށި ކުރުމަށް މަސައްކަތް ކުރާ މީހުނަށް އެ ފުރުސަތު އެއްވެސް ގޮތަކަށް ދެވިގެން ނުވާނެ ކަމަށެވެ. މިކަމާ މެދު ފުންކޮށް ވިސްނުމަށާއި ރައްޔިތުން ހޭލާ ތިބުމަށް ރައީސް ޔާމީން ވަނީ ގޮވާލައްވައިފަ އެވެ.

"މިކަމާ މެދު އަޅުގަނޑުމެން ވަރަށް ބޮޑަށް އެބަ ހޭލާން ޖެހެ އެވެ. އެފަދަ ފިކުރުތަކަށް މި ފަސްގަނޑުން އެއްވެސް ޖާގައެއް އަޅުގަނޑުމެން ދީގެނެއް ނުވާނެ އެވެ."

ދިވެހިންނަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތަކީ އިސްލާމް ދީނުގެ މަތިވެރި ނިއުމަތް ކަމަށާއި އިސްލާމްކަންމަތީ އަބަދުވެސް ދިވެހިން ސާބިތުކަމާއެކީ ތިބުމަށް ރައީސް ޔާމީން ވަނީ އެންމެހާ ދިވެހިންނަށް ގޮވާލައްވައިފަ އެވެ. އަދި ދިވެހިން އަބަދުވެސް ތިބެން ޖެހޭނީ އިސްލާމް ދީނުގައި ނުގުޑާފަދަ ވަރުގަދަ އަޒުމެއްގައި، ފައިތިލަ ސާބިތުކޮށްގެން ކަމަށް ވިދާޅުވި އެވެ.

މީގެ 891 އަހަރު ކުރިން ރާއްޖޭގައި އަޅުކަން ކުރަމުންދިޔަ ބުދު ދީން ބަދަލުކޮށްފައި ވަނީ ރާއްޖެ އަށް ޒިޔާރަތް ކުރި މަޣްރިބްކަރައިގެ ދީނީ ޢިލްމުވެރިޔެއް ކަމަށްވާ އަބުލް ބަރަކާތުލް ޔޫސުފުލް ބަރުބަރީއެވެ.

ތާރީޚުގައި ލިޔެވިފައިވާ ގޮތުގައި ރާއްޖެ އިސްލާމް ކުރެވުނު ދުވަހަކީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލް އާޚިރު މަހުގެ ދެވަނަ ދުވަހުގަ އެވެ.
ދިވެހިންގެ ތެރޭގައި ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގައި ވެސް ރަބީއުލްއާޚިރު މަހުގެ ދެވަނަ ދުވަހުގަ އެވެ.