އިނގިރޭސި ފުޓުބޯޅަ ލީގު ކަޕް، އީއެފްއެލް ނުވަތަ ކަރަބައޮ ކަޕްގައި މެން ސިޓީ އަދި ލެސްޓާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެ، ޕެނަލްޓީ ޖަހައިގެން ސިޓީ ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.
މެޗުގެ 26 ވަނަ މިނެޓުގައި ސިޓީއަށް ލީޑު ނަގާދީފައިވަނީ ބާނާޑޯ ސިލްވާއެވެ. އިކޭ ގުންޑޯގަން ތަނަވަސް ކޮށްދިން ފުރުސަތަކުން ސިލްވާ ގޯލު ޖަހާފައިވާއިރު މެޗުގެ 90 މިނެޓު ހަމަވީއިރުގައިވެސް ސިޓީ އޮތީ 0-1 އިން ލީޑުގައެވެ.
ލެސްޓާ އިން ނަތީޖާ އެއްވަރުކޮށްފައިވަނީ 90 މިނެޓު ހަމަވެގެން އިތުރު ވަގުތުގެ ގޮތުގައި ރެފްރީ ދިން މިނެޓުކޮޅުގެ ތެރޭގައެވެ. ލެސްޓާގެ ގޯލު ލިބުނު ޕެނަލްޓީއަކުން ވާޑީ ޖަހާފައިވަނީ 96 ވަނަ މިނެޓުގައެވެ.
ފުރިހަމަ ވަގުތު ހަމަވީއިރު ނަތީޖާ އެއްވަރުވުމުން ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެހާފު ކުޅުނެވެ. ދެހާފުގައިވެސް އިތުރު ލަނޑެއް ނުފެނި، ދެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ.
ޕެނަލްޓީގައި ސިޓީ މޮޅުވެފައިވަނީ 3-4 އިންނެވެ. ސިޓީގެ ހަތަރު ކުޅުންތެރިންވެސް ޕެނަލްޓީ ގޯލަށް ފޮނުވާލާފައިވާއިރު ލެސްޓާގެ ވާޑީއާއި މަހުރޭޒް ޖެހި ޕެނަލްޓީ ކާމިޔާބު ނުކުރެވުނެވެ.
ރޭ ވެސްޓް ހެމް ޔުނައިޓެޑު 0-1 އިން ބަލިކޮށް އާސެނަލްވެސް ވަނީ ސެމީގެ ޖާގައެއް ހޯދާފައެވެ. އާސެނަލްގެ ހަމައެކަނި ލަނޑު 42 ވަނަ މިނެޓުގައި ޖަހާފައިވަނީ ވެލްބެކްއެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގައި މިރޭވެސް ދެ މެޗެއް ކުޅޭނެއެވެ. މެންދަމު 12:45 ގައި ޗެލްސީއާއި ބޯންމައުތް ކުޅޭ މެޗު ފެށޭއިރު ބިރިސްޓަލް ސިޓީއާއި މެން ޔުނައިޓެޑު ބައްދަލުކުރާ މެޗު ފެށޭނީ ދަންވަރު 1:00 ގައެވެ.