ރާއްޖެ އަށް ވަޑައިގެންފައިވާ މެލޭޝިޔާގެ ބޮޑުވަޒީރު، ނަޖީބުއްރައްޒާގާއި އަނބިކަނބަލުންނަށް ރާއްޖޭގެ ރައީސް އަބްދުﷲ ޔާމީނާއި ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް ރަސްމީކޮށް ބައްދަލުކުރައްވައި، މަރުހަބާ ދަންނަވައި ފިއެވެ.
މަރުހަބާ ދެންނެވުމުގެ ހަފްލާ ބާއްވާފައިވަނީ ޖުމުހޫރީ މައިދާނުގައެވެ. މަރުހަބާ ދެންނެވުމަށްފަހު ހަތަރު ބޭފުޅުން ވަނީ ސްކޫލް ދަރިވަރުންތަކެއް ހުށައަޅައިދިން ސަގާފީ އައިޓަމެއް ބައްލަވާލައްވާފައެވެ. އެއަށްފަހު ހަތް ބަޑީގެ ސަލާމެއް އަރުވައި، ދެގައުމުގެ ގައުމީ ސަލާމް ކުޅެވުނެވެ.
އަދި ނަޖީބުއްރައްޒާގްގެ ޝަރަފުގައި އެމްއެންޑީއެފުން ވަނީ ގާޑް އޮފް އޮނާއެއް އަރުވާފައެވެ. ރައީސް ޔާމީން ވަނީ ގާޑް އޮފް އޮނާއަށް ފަހު ހަފްލާގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި ސަރުކާރުގެ އިސް ބޭފުޅުން މެލޭޝިޔާގެ ބޮޑުވަޒީރަށް ތައާރަފްކޮށްދެއްވާފައެވެ. އަދި ބޮޑުވަޒީރު ވަނީ އެމަނިކުފާނުގެ ވަފުދުގެ ބޭފުޅުން ރައީސް ޔާމީނަށް ތައާރަކޮށްދެއްވާފައެވެ.
ރައީސް ޔާމީނާއި މެލޭޝިޔާގެ ބޮޑުވަޒީރު، ނަޖީބުއްރައްޒާގް ރައީސް އޮފީހުގައި ބައްދަލުކުރައްވައި މަޝްވަރާތައް ކޮށް އެއްބަސްވުންތަކުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. ނަޖީބު ވިދާޅުވެފައިވަނީ މަތީ ތައުލީމާއި، ސިއްހީ ދާއިރާ އަދި ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއާއި އޮންނަ ގުޅުން ބަދަހިކުރާނެ ކަމަށެވެ.