އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙަންމަދު ނަޝީދުގެ ޤާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް ޙިސާން ޙުސައިން އާއި އެކަމަނާގެ ފިރިކަލުންނަށް ފުލުހުންގެ ފަރާތުން ގޯނާކޮށް ބިރު ދެެއްކި ކަމަށް ބުނެ އެންމެ ހަރުކަށި ޢިބާރާތުން އެކަން ކުށްވެރިކޮށްފި އެވެ.
އެމްޑީޕީން ބުނީ ބުދަ ދުވަހުގެ ރޭ ހިތަދޫން ހިސާންގެ ފިރީމީހާ މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރު ކުރުމަށް ފަހު ހިސާން ވެސް ހައްޔަރުކޮށް ހިންގި އެ އަމަލަކީ ނަޝީދު އާއި އެމްޑީޕީ ތަމްޞީލް ކުރައްވާ ޤާނޫނީ ވަކީލުންނަށާއި އެމްޑީޕީގެ އިސް ފަރާތްތަކަށް ބިރު ދެއްކުމުގެ ބޭނުމުގައި ފުލުހުން ހިންގާ ސިލްސިލާ އަދި ޣައިރު ގާނޫނީ ދުއްތުރާތަކެއް ކަމުގައި ފާހަގަވާ ކަމަށެވެ.
"ބަލާ ފާސް ކުރުމަށް ހިންގި ހަރަކާތެއްކަމަށްބުނެ، ފުލުހުން އުސްތާޛާ ޙިސާންއާއި އެކަމަނާގެ ފިރިކަލުން ހައްޔަރުކޮށްފައި ވަނީ އެ ދެބޭފުޅުން އާއިލީ ކުޑަ ޙަފްލާއެއްގައި ތިއްބަވަނިކޮށް އައްޑޫ ސިޓީގެ ހިތަދޫއިން ނެވެ. އެތަނުގައި އެ ދެބޭފުޅުން ތިއްބަވަނިކޮށް ފުލުހުން އެތަނަށް އައިސް ހަރަކާތްތެރިވާން ފެށުމުން، ޙިސާންއާއި ފިރިކަލުން އެކަމާ ބެހޭ ގޮތުން ފުލުހުންނާ ސުވާލުކުރެއްވުމާއެކު އެއީ ގޭންގް ކުށްތައް ހުއްޓުވުމާ ބެހޭ ޤާނޫނުގެ ދަށުން ބަލާ ފާސްކުރުމަށް ހިންގާ އޮޕަރޭޝަނެއްކަމުގައި ވިދާޅުވެ، ހިސާންގެ ފިރިކަލުން ހައްޔަރު ކުރިއެވެ. އަދި އެކަމާ ސުވާލުކޮށް ޤާނޫނީ ވަކީލަކަށް އައްޔަންވުމަށް އެދިވަޑައިގަތުމުން ހިސާން ވެސް ހައްޔަރު ކުރިއެވެ." އެމްޑީޕީން ނެރުނު ބަޔާނުގައިވެ އެވެ. "ޙިސާން ހުންނެވީ މާބަނޑު ހާލަތުގައިކަން ފެނިލައްވާނެ އިރު ވެސް އެކަމަނާ ހައްޔަރުކުރެއްވުމުގެ ތެރޭގައި ފުލުހުން ވަނީ ޙިސާންގެ ގައިކޮޅަށް އަތް އިސްކުރައްވައި ދެ ފަހަރެއްގެ މަތިން ވަރަށް ބާރަށް ކޮށްޕަވާލައްވާފައެވެ. އަދި ދެވަނަ ފަހަރަށް ކޮއްޕާލުމުން އެކަމަނާ ވަނީ ބިންމައްޗަށް ވެއްޓިފައެވެ. ޙިސާންގެ ފިރިކަލުންނަށްވެސް ހައްޔަރު ކުރެއްވުމުގެ ތެރޭގައި ފުލުހުން ހާނިއްކަ ކުރައްވާފައިވާ ކަމަށް އެނގިފައިވެ އެވެ. ދެ ބޭފުޅުން ވެސް މިހާރު ވަނީ ދޫކޮށްލައްވާފަ އެވެ."
އެމްޑީޕީން ބުނީ ނަޝީދު އާއި އެމްޑީޕީ ތަމްޞީލް ކުރައްވާ ޤާނޫނީ ވަކީލުންނަށް ބިރުދެއްކެވުމަށާއި ގޯނާ ކުރެއްވުމަށް ހިންގަވާ ޢަމަލުތައް ހުއްޓާލެއްވުމަށް ސަރުކާރުގެ ބާރުތަކާއި ހަވާލުވެވަޑައިގެން ތިއްބެވި އެންމެހާ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.
"ފުލުހުންނާއި ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ފަރާތުން މިމައްސަލަ ބައްލަވައި ކަނބަލުންނަށް ހާނިއްކަ ކުރައްވާ އަދި ޤާނޫނީ އިމުގެ ބޭރުން ހަރަކާތްތެރިވެލައްވާ ފުލުހުންނާ މެދު ލަސްކުރެއްވުމެއްނެތި ފިޔަވަޅު އަޅުއްވައި ދެއްވުމަށް މި ޕާޓީންގޮވާލަމެވެ." އެމްޑީޕީހެ ބަޔާނުގައި ވެ އެވެ.