ރާއްޖެއާއި މެލޭޝިޔާއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މިއަދު ހަތަރު އެއްބަސްވުމެއްގައި ދަގައުމުގެ ފަރާތުން ސޮއިކޮށްފި އެވެ.
ރައީސް އޮފީހުގައި ރާއްޖޭގެ ރައީސް، އަބްދުﷲ ޔާމީނާއި މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބު އަބްދުލް ރައްޒާޤް ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކަށް ފަހު ސޮއިކޮށްފައިވަނީ ހަތަރު އެއްބަސްވުމެއްގައެވެ. އޭގެ ތެރެއިން ފުރަތަމަ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރާއްޖޭގެ ތާރީޚާ ބެހޭ މަރުކަޒެއް މެލޭޝިޔާގައި ގާއިމުކުރުމަށެވެ. މިކަން ކުރުމަށް އެމްއޯޔޫ ގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވި ފޮރިން މިނިސްޓަރ ޑރ. އާސިމެވެ. މެލޭޝިޔާގެ ފަރާތުން ސޮއިކޮށްފައިވަނީ އެގައުމުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރެވެ.
ދެގައުމުގެ ދެމެދުގައި ދެން އެއްބަސްވުމަކަށް އައިސް، ސޮއިކޮށްފައިވަނީ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާބެހޭ ތަމްރީނު ޕްރޮގްރާމްތަކެއް ބޭއްވުމަށެވެ. "މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން ބިޓްވީން ދަ ގަވަމެންޓް އޮފް މޯލްޑިވްސް އެންޑް ދަ ގަވަމެންޓް އޮފް މެލޭޝިޔާ އޮން ކޯޕަރޭޝަން އިން ދަ ފީލްޑް އޮފް ފަޔާ ފައިޓިން އެންޑް ރެސްކިއު ޓްރެއިނިން" ގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ. މެލޭޝިޔާ ސަރުކާރުގެ ފަރާތުން ސޮއިކުރީ އެގައުމުގެ މިނިސްޓަރ ފޮ އާބަން ވެލްބީންގ އެންޑް ލޯކަލް ގަވަމެންޓު، ޓާން ސޫރީ ނޫހް ބިން ހާޖީ އުމަރެވެ.
ތިންވަނަ އެއްބަސްވުމަކަށް ސޮއިކޮށްފައިވަނީ މަތީ ތައުލީމާއި ބެހޭ އެމްއޯޔޫއެއްގައެވެ. "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ ބިޓްވީން ދަ ގަވަރމަންޓް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރމަންޓް އޮފް މެލޭޝިޔާ އޮން ކޯޕަރޭޝަން އިން ދަ ފީލްޑް އޮފް ހަޔަރ އެޑިޔުކޭޝަން"ގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢައިޝަތު ޝިހާމާއި، މެލޭޝިޔާގެ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ދާތޯ ސެރީ އިދުރީސް ބިން ޖޫސޯ އެވެ.
ހަތަރުވަނަ އެއްބަސްވުމަކަށް ދެގައުމުގެ ދެމެދުގައި ސޮއިކޮށްފައިވަނީ ސިއްހީ ދާއިރާގެ އެމްއޯޔޫއެއްގައެވެ. "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ ބިޓްވީން ދަ ގަވަރމަންޓް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރމަންޓް އޮފް މެލޭޝިޔާ އޮން ކޯޕަރޭޝަން އިން ދަ ފީލްޑް އޮފް ހެލްތް"ގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޒިމާއި، މެލޭޝިޔާގެ މިނިސްޓަރ އޮފް ހެލްތް ދާތުކް ސެރީ ސުބްރަމާނިއަމް ކޭ ވީ ސަތަސިވަމެވެ.
ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ މިއެއްބަސްވުންތަކުގެ ސަބަބުން ދިވެހި ރާއްޖެއަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. މަތީ ތައުލީމު ހާސިލުކުރުމަށް ބޭނުންވާ ދަރިވަރުންނަށް އިތުރު ފުރުސަތުތަކާއި ސިއްހީ ދާއިރާއިން އިތުރު ކުރިއެރުން ލިބޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.