Last Updated: June 15, 23:32
Monday, June 15, 2026
ޚަބަރު

ދުނިޔޭގެ އެންމެ އަގުބޮޑު ގެ ބައްލަވައިގަތީ ސައުދީ ވަލީއަހުދު

ދުނިޔޭގެ އެންމެ އަގުބޮޑު ގެ ކަމަށްވާ ފްރާންސުގެ ޗަޓައު ލުއީ މެންޝަން، 300 މިލިއަން ޑޮލަރަށް ސައުދީގެ ވަލީއަހުދު، ޕްރިންސް މުޙައްމަދު ބިން ސަލްމާން ބައްލަވައިގެންފިއެވެ.

ކާކުކަން ނޭނގޭ ފަރާތަކުން މި ގެ ގަނެފައިވާ ކަމަށް މީޑިޔާގައި ޚަބަރު ފެތުރިފައިވަނިކޮށް އެފަރާތަކީ ސައުދީ ވަލީއަޙުދު ކަން ހާމަކުރީ ނިއު ޔޯކް ޓައިމްސްއިންނެވެ. މަޝްހޫރު ކުރެހުންތެރިޔާ، ލިއޮނާޑޯ ޑަވިންޗީގެ އަގުބޮޑު ކުރެހުންވެސް ރެކޯޑު 450 މިލިއަން ޑޮލަރުގެ އަގަކަށް ބައްލަވައިގެންފައިވަނީ ސައުދީ ވަލީއަހުދު ކަމަށް ރިޕޯޓުކުރީވެސް ނިއުޔޯކް ޓައިމްސްއިންނެވެ.

އެންމެ އަގުބޮޑު ގެއާއެކު ޕްރިންސް މުޙައްމަދު ވަނީ 500 މިލިއަން ޑޮލަރުގެ ޔޮޓެއްވެސް ބައްލަވައިގެންފައެވެ. ނިއުޔޯކް ޓައިމްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޕްރިންސް މުހައްމަދު މިފަދަ އަގުބޮޑު ތަކެތި ބައްލަވައިގަންނަނީ އޭނާގެ ހިއްސާ އޮންނަ ކުންފުންޏެއް މެދުވެރިކޮށް، ކާކުކަން ނޭނގޭ ގޮތަށެވެ.

ވަލީއަހުދު ކަމާއި ހަވާލުވުމަށްފަހު މުހައްމަދު ބިން ސަލްމާން ވަނީ ސައުދީގެ ގިނަ އަދަދެއްގެ ވިޔަފާރިވެރިންނާއި އަމީރުން ކޮރަޕްޝަނުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ނަން މަޝްހޫރު ބިލިއަނަރު، އަލްވަލީދު ބިން ތަލާލުވެސް ހިމެނެއެވެ.