ނިމިގެންދިޔަ ކުއާޓާގައި ރާއްޖޭގެ ބެންކުތަކުގެ ފައިދާ އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ހާމަކޮށްފިއެވެ.
އެމްއެމްއޭއިން ބުނެފައިވަނީ ބޭންކުތަކުގެ ފައިދާ މިދިޔަ ކުއާޓާގައިވަނީ 14 އިންސައްތަ އިތުރުވެފައި ކަމަށެވެ. އަދި މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާގެ ފައިދާ 26 އިންސައްތަ އިތުރުވެފައިވާ ކަމަށްވެސް އެމްއެމްއޭއިން ހާމަކޮށްފައިވެއެވެ.
އެމްއެމްއޭއިން ބުނެފައިވަނީ ބޭންކުތަކުގެ ފައިދާ އިތުރުވެފައިވަނީ ނުދައްކާ ހުރި ގިނަ އަދަދެއްގެ ލޯނުތަކުގެ ފައިސާ އަނބުރާ ހޯދުމުން ކަމަށެވެ. އަދި ބޭންކުތަކުން އާދަޔާ ޚިލާފަށް ފައިދާ ޖައްސާފައިވާ ކަމަށްވެސް މަރުކަޒީ ބޭންކުން ވަނީ ފާހަގަކޮށްފައެވެ.
މިދިޔަ ސެޕްޓެމްބަރު މަސް ނިމުނުއިރު ބޭންކުތަކަށް ޖަމާކޮށްފައިވަނީ 28.8 ބިލިއަން ރުފިޔާއެވެ. ނަމަވެސް މިއީ އޭގެ ކުރީއަހަރުގެ މިމުއްދަތާ އަޅާ ބަލާއިރު 1.6 ބިލިއަން ރުފިޔާގެ ވެއްޓުމެކެވެ. އެމްއެމްއޭއިން ބުނީ ޖަމާކުރި ފައިސާގެ އަދަދު މަދުވީ ރިސޯޓުތައް ތަރައްގީކުރުމަށާއި ޑިވިޑެންޑާއި ޓެކްސް ދެއްކުމަށް ނެގި އަދަދު އިތުރުވުމުން ކަމަށެވެ.