ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ދައުވަތަކަށް އިއްޔެ ރާއްޖެ ވަޑައިގެންނެވި މެލޭޝިޔާގެ ބޮޑުވަޒީރު މުހައްމަދު ނަޖީބު އަބްދުލް ރައްޒާގް ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ފުރާ ވަޑައިގެންފިއެވެ.
ރާއްޖެ ސަރުކާރާއި މެލޭޝިޔާގެ ސަރުކާރާ ދެމެދު އޮތް ގުޅުން ބަދަހި ކުރުމަށް ހަތަރު އެމްއޯޔޫއެއްގައި މިއަދު ހެނދުނު ވަނީ ސޮއިކޮށްފައެވެ. އަދި މިއަދު މެންދުރު ރައީސް ޔާމީންގެ ޚާއްސަ ފަރީކުޅެއްގައި މެލޭޝިޔާގެ ބޮޑުވަޒީރުގެ ދެކަނބަލުން ވަނީ ދަރުބާރުގޭގައި ބައިވެރިވެވަޑައިގެންފައެވެ.
މީގެ އިތުރުން ބޮޑުވަޒީރު ނަޖީބުގެ އަނބިކަނބަލުން ވަނީ ފަސްޓް ލޭޑީ ފާތިމަތި އިބްރާހިމާއެކު ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ މަރުކަޒަށްވެސް ޒިޔާރަތް ކުރައްވާފައެވެ.
ދެދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނަޖީބުއްރައްޒާގް މިއަދު މެންދުރު ފަހު ފުރާވަޑައިގެންފައިވާއިރު އެމަނިކުފާނަށް އަލްވަދާއު ދެންނެވީ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމާއި ހޯމް މިނިސްޓަރު އަޒްލީން އަހުމަދެވެ.
ސްރީ ލަންކާއަށްވެސް ވަޑައިގެންނެވުމަށްފަހު ނަޖީބު ރާއްޖެ ވަޑައިގެންފައިވަނީ ފާއިތުވެދިޔަ 33 އަހަރުގެ ތެރޭގައި ރާއްޖެ ވަޑައިގަތް ފުރަތަމަ މެލޭޝިޔާގެ ބޮޑުވަޒީރުގެ ގޮތުގައެވެ.