Last Updated: June 15, 23:32
Monday, June 15, 2026
ކުޅިވަރު

ކޮމަންވެލްތް ގޭމްސް 2022 ވަނަ އަހަރު ބާއްވަނީ ބާމިންހަމްގައި

ދެހާސް ބާވީސް ވަނަ އަހަރުގެ ކޮމަންވެލްތް ގޭމްސް ބާއްވާ ތަނަކީ އިނގިރޭސިވިލާތުގެ ބާމިންހަމް ސިޓީ ކަމަށް ކަނޑައަޅައިފިއެވެ.

ބާމިންހަމް ސިޓީއަށް އިވެންޓު ބޭއްވުމަށް ފުރުސަތު ލިބިފައިވަނީ އެހެން އެއްވެސް ސިޓީއަކުން އެކަމަށް ޝައުގުވެރިކަން ހުށައަޅާފައިނުވާތީއެވެ. އެޕްލައި ކުރުމަށް ނިމިގެން ދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހާއި ހަމައަށް ފުރުސަތު ދީފައިވި ނަމަވެސް އެހެން ސިޓީއަކުން ހުށައަޅާފައިނުވެއެވެ.

އެހެންކަމުން ކޮމަންވެލްތް ގޭމްސް ފެޑެރޭޝަނުން ވަނީ ބާމިންހަމް ސިޓީއަށް އިވެންޓް ހޯސްޓު ކުރުމަށް ފުރުސަތުދީފައެވެ. ބާމިންހަމް ސިޓީން ވަނީ އިވެންޓު ހޯސްޓުކުރުމަށް 750 މިލިއަން ޕައުންޑު ހުށައަޅާފައެވެ. މިއީ އިނގިރޭސިންގެ ތެރޭގައި 2012 ވަނަ އަހަރު ލަންޑަން އޮލިމްޕިކްސް ބޭއްވި ފަހުން ކުޅިވަރުގެ އިވެންޓަކަށް އެންމެ ބޮޑު އަދަދަކުން ޚަރަދު ކުރާނެ ފަހަރެވެ.

އިނގިރޭސި ސިޓީއަކުން ބާމިންހަމާއި ވާދަކޮށްފައިވަނީ ލިވަޕޫލްއެވެ. ނަމަވެސް ސަރުކާރަށް ކަމުދިޔައީ ލިވަޕޫލަށްވުރެ ބޮޑަށް ބާމިންހަމްގެ ހުށައެޅުމެވެ.