ބޭސްފަރުވާއަށް ޖަރުމަނުވިލާތަށް ވަޑައިގެން ހުންނެވި ޖުމުހޫރީ ޕާޓީގެ ލީޑަރު، އޮނަރަބަލް ގާސިމް އިބްރާހިމާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދާއި މިސަރުކާރުގެ ފުރަތަމަ ނައިބު ރައީސް، ޑރ. ޖަމީލް ބައްދަލުކުރައްވައިފިއެވެ.
ޖުމުހޫރީ ޕާޓީގެ ނައިބު ލީޑަރު އިބްރާހިމް އަމީންވެސް ބައިވެރިވަޑައިގެންނެވި މިބައްދަލުވުމަށްފަހު ގާސިމް ވަނީ އިދިކޮޅުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެއް ކެންޑިޑޭޓަކު ނެރުމަށް ތާއީދުކުރާ ކަމަށް އެއްބަސްވެފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވެފައިވެއެވެ.
ގާސިމް އިބްރާހިމް ވިދާޅުވެފައިވަނީ ރާއްޖެ ޑިމޮކްރަސީގެ މަގަށް ގެނުވައި ރައްޔިތުން އެދޭފަދަ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށް ހުރިހާ ފަރާތެއްގެ އެހީ ބޭނުންވާ ކަމަށާއި އެ އެހީ ލިބުމަކީ އުއްމީދެއް ކަމަށެވެ.
ދާދި ފަހުން ޖުމުހޫރީ ޕާޓީއާއި ގުޅުނު މިސަރުކާރުގެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެޕާޓީއާއި ގުޅުމުން އިދިކޮޅު ޕާޓީތަކުން ހަދާފައިވާ އިއްތިހާދު ބައިބައިވާނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ނަމަވެސް ގާސިމްވަނީ އޭގެ ސަބަބުން އިއްތިހާދަށް ބުރޫއެއް ނާރާނެ ކަމަށް ވިދާޅުވެފައެވެ.