ކ. އަތޮޅު ގުރައިދޫ ބޭރުގައި އޮތް ސަފާރީއަކުން ދަތުރުކުރި މީހަކު، ފީނަން މޫދަށް ފައިބައިގެން އުޅެނިކޮށް މިއަދު މަރުވެއްޖެއެވެ.
ގުރައިދޫ ހޮސްޕިޓަލުގެ ތަރުޖަމާނާ ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އުމުރުން 33 އަހަރުގެ ލަންކާ ފަތުރުވެރިޔާ އެ ސިއްހީ މަރުކަޒަށް ގެނައިއިރުވެސް ވަނީ މަރުވެފައެވެ. ނަމަވެސް ލޮނު ބޮވިފައިވާ ކަމުގެ އަސަރެއް ފެންނާކަށް ނެތް ކަމަށާއި، ގަބޫލުކުރެވޭ ގޮތުގައި ފަތުރުވެރިޔާ މަރުވެފައިވަނީ ގުދުރަތީ މަރަކުން ކަމަށް އޭނާ ބުނެފައިވެއެވެ.
އޭނާގެ ހަށިގަނޑު މިހާރު މާލެ ގެނެސްފައިވާއިރު މަރުވެފައިވަނީ ލަންކާއިން ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލުމަށް އައި ފިރިހެނެކެވެ. އޭނާގެ މަރާ ގުޅޭގޮތުން އިތުރު މައުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.