އިނގިރޭސި ފުޓުބޯޅަ ލީގު ކަޕް ނުވަތަ ކަރަބައޮ ކަޕްގެ ކުއާޓާ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑާއި ބްރިސްޓަލް ސިޓީ ބައްދަލުކުރި މެޗު ބްރިސްޓަލް 1-2 އިން ކާމިޔާބުކޮށް، ޔުނައިޓެޑު ކަޓައިފިއެވެ.
ޕޮގްބާއާއި އިބްރަހިމޮވިޗް ގިނަ ދުވަސްތަކަކަށް ފަހު ފުރަތަމަ އެގާރައިން ޖާގަ ހޯދި މިމެޗަކީ ފަސޭހަކަމާއެކު ޔުނައިޓެޑު ކާމިޔާބުކުރާނެ ކަމަށް ގިނަ ބަޔަކު ބެލި މެޗެކެވެ. ނަމަވެސް މެޗު ފެށުމުން ފެނުނީ ތަފާތު މަންޒަރެކެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައިރުވެސް ދެޓީމަށްވެސް ގޯލެއް ޖެހިފައެއް ނުވެއެވެ.
މެޗުގެ ލީޑު، ދެވަނަ ހާފުގައި ނެގީވެސް ބްރިސްޓަލް ސިޓީންނެވެ. 51 ވަނަ މިނެޓުގައި ބްރިސްޓަލްގެ ޖޯ ބްރަޔަން ގޯލު ޖަހާފައިވަނިކޮށް ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދިނީ ހަ މިނެޓު ފަހުން އިބްރަހިމޮވިޗެވެ.
ޔުނައިޓެޑުން ލީޑުނަގަން މަސައްކަތް ކުރި ނަމަވެސް އެއްވެސް ހަމަލާއެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. ޚާއްސަކޮށް މެޗުގެ ފަހުބައިގައި ލުކާކޫއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ބްރިސްޓަލް ސިޓީން މެޗުގެ ލީޑު ދެވަނަ ފަހަރަށް ނެގީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައެވެ. މިލަނޑު ޖަހާފައިވަނީ އެޓީމުގެ ކޮރޭ ސްމިތްއެވެ.
ސެމީއަށް ނުގޮސް ޔުނައިޓެޑު ކަޓާފައިވާއިރު ރޭ ޗެލްސީއާ ބޯންމައުތް ކުޅުނު މެޗު ޗެލްސީ ވަނީ 1-2 އިން ކާމިޔާބުކޮށް ސެމީގެ ފަހު ޖާގަ ހޯދާފައެވެ. 13 ވަނަ މިނެޓުގައި ވިލިއަން ޗެލްސީއަށް ލީޑު ނަގާދީފައިވާއިރު ބޯންމައުތުން ނަތީޖާ އެއްވަރުކޮށްފައިވަނީ 90 ވަނަ މިނެޓުގައެވެ. ނަމަވެސް ދެވަނަ ހާފު ނިމުމުގެ ކުރިން އަލަވާރޯ މޮރާޓާ ވަނީ ލީޑު ނަގައި އިތުރު ވަގުތުގައި ކުޅެން ނުޖެހި ޗެލްސީ ސެމީއަށް ފޮނުވާފައެވެ.