ގައުމީ އެއާލައިން، މޯލްޑިވިއަނުން 12 ވަނަ ސީޕްލޭން ރާއްޖެ ގެނެސްފިއެވެ. މިބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގެނެސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
މޯލްޑިވިއަންގެ ސީޕްލޭން ފްލީޓު އިތުރުކުރުމަށް ކުރާ މަސައްކަތުގައި 12 ވަނަ ބޯޓު ރާއްޖެ ގެނެސްފައިވާއިރު މޯލްޑިވިއަން އިން ބުނެފައިވަނީ ހުރިހާ ސީޕްލޭނަކީވެސް އެއާލައިނުން ގަނެގެން ގެނެސްފައިވާ ބޯޓުތަކެއް ކަމަށެވެ.
ކުންފުނީގެ މެނޭޖިން ޑިރެކްޓަރ، އަބްދުލް ހާރިސް ވިދާޅުވެފައިވަނީ ސީޕްލޭން ފްލީޓް އިތުރުކުރުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ހަލުވިކަމާއެކު ކުރިއަރަމުންދާ ޓޫރިޒަމް އިންޑަސްޓްރީ ފުޅާވެގެން ދިއުން ކަމަށެވެ.
އޭނާ ވަނީ އިންޓަނޭޝަނަލް ދަތުރުތައް އިތުރުކުރުމަށް އަންނަ މަހު ޑޭޝް-އަށެއްގެ އާ ބޯޓެއްވެސް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.