އިޒުރޭލުގެ ވެރިރަށް ކަމުގައި ގުދުސް ކަމަށް ބެލުމަށް އެމެރިކާއިން ނިންމި ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ބުނެ އދ. ގެ އާންމު މަޖިލީހަށް ހުށައެޅި ގަރާރު ދިވެހި ރާއްޖެއިން ކޯ-ސްޕޮންސާކޮށްފިއެވެ.
ރާއްޖެއިން މިގޮތަށް ނިންމާފައިވަނީ އެމެރިކާއާ ދެކޮޅަށް ވޯޓު ދޭ ގައުމުތަކަށް ދޭ އެހީ ކަނޑާލާނެ ކަމަށް އެގައުމުގެ ރައީސް ބުނެ، އިންޒާރު ދީފައިވަނިކޮށެވެ.
ރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނެވި ދާޢިމީ ސަފީރު، ޑރ. އަލީ ނަސީރު މުހައްމަދު ވަނީ ގުދުސްއަކީ އިޒުރޭލުގެ ވެރިރަށް ކަމަށް ބަލައިނުގަނެވޭނެ ކަމަށާއި އެއީ ފަލަސްތީނުގެ ވެރިރަށް ކަމަށް ބުނާ ބުނުން ތަކުރާރުކޮށް މިއަދު އދ. ގެ އާންމު މަޖިލީހުގައި ރާއްޖޭގެ ފަރާތުން ބަޔާނެއްވެސް ދޭނެ ކަމަށް ވިދާޅުވެ ޓުވީޓެއް ކުރައްވާފައެވެ.
މުސްލިމް ގައުމުތަކުން ޓްރަމްޕް ނިންމި ނިންމުމާ ދެކޮޅަށް ގަރާރު ހުށައެޅުމުން ޓްރަމްޕް ވަނީ އެ ގައުމުތަކަށް ފާޑުކިޔައި އިންޒާރު ދީފައެވެ. އޭނާ ވިދާޅުވެފައިވަނީ އެ ގައުމުތަކަކީ އެމެރިކާއިން އެތައް މިލިއަން ޑޮލަރު އެހީގެ ގޮތުގައި ހޯދާ ގައުމުތައް ކަމަށާއި އެމެރިކާއާ ދެކޮޅަށް ވޯޓު ދީފިނަމަ އެ އެހީތައް ވަގުތުން ކަނޑާލާނެ ކަމަށެވެ.