ޑިޒްނީ އިން "ޖަންގަލް ބުކް" ލައިވް އެކްޝަން ފިލްމެއް އުފައްދާފައިވާއިރު، މިހާރު ވޯނާ ބްރޯސް އިން ވެސް ދަނީ އެ ފިލްމްގެ ރީމޭކެއް ހަދަމުންނެވެ.
އެގޮތުން ވޯނާ ބްރޯސް އިން އިއުލާންކޮށްފައިވާ ގޮތުގައި މީގެ ކުރިން "ދަ ޖަންގަލް ބުކް: އޮރިޖިންސް"ގެ ނަން ދީފައިވާ އެ ފިލްމްގެ ނަން، ފިލްމްގެ ޑައިރެކްޓަރު ކަމުގައިވާ އޭންޑީ ސާކިސް ވަނީ ރަސްމީކޮށް "މޯގްލީ" އަށް ބަދަލުކޮށްފަ އެވެ.
ފިލްމްގެ ނަން ބަދަލުކޮށްފައި ވަނީ ފިލްމްގެ ލީޑް ކެރެކްޓާ ކަމުގައިވާ "މޯގްލީ"ގެ ނަމަށެވެ.
މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު 19، 2018 ގައެވެ. އެއީ ޑިޒްނީ އިން އެ ކުންފުނީގެ ޖަންގަލް ބުކް ރީމޭކް ރިލީޒްކުރިތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ފަހުންނެވެ.
މި ފިލްމްގެ ކެރެކްޓާތަކަށް އަޑުއަޅައިދޭނެ ތަރިންގެ ތެރޭގައި ކްރިސްޓިއަން ބޭލް، ކޭޓް ބްލެންޗެޓް، ބެނެޑިކްޓް ކަމްބާބެޗް، ނައޯމީ ހެރިސް، އޭންޑީ ސާކިސް، ޕީޓާ މުލަން، ޖެކް ރޭނާ، އެޑީ މާސެން، ޓޯމް ހޮލޭންޑާ، ފްރީޑާ ޕިންޓޯ އަދި މެތިއު ރީސް ހިމެނެއެވެ.