އޮންލައިން ނޫހެއްގައި އަވަށްޓެރި އިންޑިޔާ އަކީ "އަދުއްވެއް" ކަމަށް ސިފަކުރި މައްސަލައެއް މޯލްޑިވްސް މީޑިޔާ ކައުންސިލް(އެމްއެމްސީ) އިން ބަލަން ފަށައިފިއެވެ.
މީޑިޔާ ކައުންސިލުން މިމައްސަލައާ ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާއްޖެއާ ގުޅުން ގާއިމްކޮށްފައިވާ ބައެއް ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ހީނަރުވެގެން ހިނގައިދާނެ ފަދަ ބައިތަކެއް އޮންލައިން މީޑިޔާއަކުން ގެނެސްދެމުން އަންނަ ކަމުގެ ޝަކުވާ ކައުންސިލަށް ލިބިފައިވާ ކަމަށެވެ.
އެހެންކަމުން މިމައްސަލައާއި އެފަދަ އިތުރު މައްސަލަތަކެއްވެސް ބަލަމުން އަންނަ ކަމަށް މީޑިޔާ ކައުންސިލުން ވަނީ ހާމަކޮށްފައެވެ. އިންޑިޔާއަކީ ބެސްޓު ފުރެންޑެއް ނޫން ކަމަށާއި އެއީ ދުޝްމަނެއް ކަމަށް ރާއްޖޭގެ މަޝްހޫރު އޮންލައިން މީޑިޔާއަކުން ސިފަކުރުމާއި ގުޅިގެން ވަރަށް ގިނަ ބަޔެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.
ކުރީގެ ރައީސް ނަޝީދު އަދި މައުމޫންވެސް މިފަދަ ބަސްތައް ބޭނުންކުރުން ކުށްވެރިކޮށްފައިވާއިރު އިންޑިޔާގެ ޑިޕްލޮމެޓުންވެސް ވަނީ މައާފަށް އެދުމަށް ޑިމާންޑުކޮށްފައެވެ.