Last Updated: June 11, 09:15
Thursday, June 11, 2026
މުނިފޫހިފިލުވުން

"މާކެޓް 2" އަށް މަނީޝާ

ނިއުޔޯކްގައި މިހާރު އޮވޭރިއަން ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ބަތަލާ މަނީޝާ ކޮއިރަލާ އަށް "މާކެޓް 2" ހުށަހަޅަން ބޭނުންވާ ކަމަށް އެ ފިލްމްގެ ޑައިރެކްޓަރު ބުނެފި އެވެ.

"މާކެޓް 2" އަކީ މަނީޝާ ހިމަނައިގެން 2003 ވަނަ އަހަރު ޖޭ ޕްރަކާޝް ޑައިރެކްޓް ކުރި "މާކެޓް" ގެ ސީކްއެލްއެކެވެ. މި ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޖޭ ބުނީ އޭނާ "މާކެޓް 2" ހަދަން ބޭނުން ވަނީ ހަމައެކަނި މަނީޝާ ބަތަލާއަކަށް ލައިގެން ކަމަށެވެ. އަދި މަނީޝާ ނޫން ބަތަލާއަކާ އެކު އެ ފިލްމް ހެދުމުގެ ޝައުގުވެރި ކަމެއް ނެތް ކަމަށް ވެސް ޖޭ ބުންޏެވެ.

"މާކެޓް" ގައި ދައްކުވައި ދެނީ ފިރިއަކު އޭނާގެ އަނބިމީހާ ނާސި ގެއަކަށް ވިއްކާލުމުން އެ އަނބިމީހާގެ ދިރިއުޅުމަށް ކުރިމަތިވާ ހާދިސާތަކެވެ.

"ކުރިއަށް އޮތް ދެ ތިން މަހެއްގެ ތެރޭގައި ފަރުވާ އަށް ފަހު މަނީޝާ އެނބުރި އިންޑިއާ އަށް އަންނާނެ. އޭރުން މާކެޓް 2 ގެ ސްްކްރިިޓް އޭނާ އަަށް އަހަރެން އަލުން ނެރޭޓްކޮށް ދޭނަން،" މަނީޝާ ހިމަނައިގެން "ޗާހަތު: އެކް ނަޝާ" ވެސް ޑައިރެކްޓް ކުރި ޖޭ ބުންޏެވެ. "މީގެ ކުރިން ވެސް ވާނެ ސްކްރިޕްޓް އޭނާ އަށް ކިޔައި ދީފައި. މަނީޝާ ވަނީ ސްކްރިޕްޓާ ދޭތެރޭ ކުރިން ވެސް ހިތްހަމަޖެހޭ ކަމަށް ބުނެފައި."

ކާމިޔާބް ގިނަ ފިލްމްތަކެއް ކުޅެފައިވާ މަނީޝާ އަށް ކެންސަރު ޖެހިގެން ފަރުވާ ހޯދުމަށް އެމެރިކާ އަށް ދިޔައީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.

އޭނާގެ އެންމެ ފަހުން ރިލީޒްވި ފިލްމަކީ ރާމް ގޯޕާލް ވަރްމާގެ "ބޫތު" ގެ ސީކްއެލް "ބޫތު ރިޓާންސް" އިންނެވެ.