Last Updated: June 15, 23:32
Monday, June 15, 2026
ޚަބަރު

އެލްޖީއޭއަށްވުރެ ރައްޔިތުންގެ މަންދޫބުންގެ ބާރު ގަދަވާނެ: ރޮޒޭ

ކައުންސިލްތަކުގެ ބެލެނިވެރި އޮތޯރިޓީ، ލޯކަލް ގަވަމެންޓް އޮތޯރިޓީއަކީ ކައުންސިލްތަކަށް ފިޔަވަޅު އަޅަން އޮންނަ ތަނެއް ނޫން ކަމަށާއި ރައްޔިތުން އިންތިޚާބުކުރާ ރައްޔިތުންގެ މަންދޫބުންގެ ބާރު ކޮމިޓީއަކަށްވުރެ ގަދަވާނެ ކަމަށް ވިދާޅުވެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އެލްޖީއޭއަށް ފާޑުވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ރޮޒޭ ވިދާޅުވެފައިވަނީ އެލްޖީއޭއަކީ ކައުންސިލްތަކަށް ފިޔަވަޅު އަޅަން އޮންނަ ބައެއް ނޫން ކަމަށެވެ. އަދި އެމީހުންގެ މައިގަނޑު މަގުސަދަކީ ކައުންސިލްތައް ގައިޑުކޮށްދީ ކައުންސިލަރުން އަލަށް އިންތިޚާބުވެގެން އަންނައިރު އެބޭފުޅުންނަށް ކަންކަން އޮންނަ ގޮތް ބުނެދީ ޒިންމާ އަދާކުރުމުގައި ލުއިފަސޭހަކަން ފޯރުކޮށްދޭން ތިބޭ ބަޔެއް ކަމަށް ރޮޒޭނާ ވިދާޅުވިއެވެ.

"ހަގީގަތުގައި އެލްޖީއޭގެ މަސައްކަތަކީ ފިޔަވަޅު އަޅަން އޮންނަ ތަނެއް ނޫން އެއީކީ. އެލްޖީއޭ އުފައްދާފައި އޮތް މައިގަނޑު ސަބަބަކީ ކައުންސިލުތައް ގައިޑު ކޮށްދިނުން. ކައުންސިލުތައް ގައިޑު ކޮށްދީ ކައުންސިލަރުން އަލަށް އިލެކްޓުވެގެން އަންނައިރު އެ ބޭފުޅުންނަށް ޒިންމާ އަދާކުރަން ފަސޭހަކޮށްދިނުމަށްޓަކައި ކޮށްދޭންޖެހޭ ކަންތައްތައް ކޮށްދިނުމާއި މައްސަލެއް ހިނގައިފި ކަމަށްވަންޏާ އެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން. މިއީ އެބޭފުޅުންނަށް ފަސޭހަކޮށްދޭން އޮންނަ ބޮޑީއެއް. ކޮންމެ ގޮތެއް ވިޔަސް އެލްޖީއޭ އަށްވުރެން ރައްޔިތުން އިންތިހާބު ކުރާ ބައެއްގެ ބާރު ގަދަވާނެ"

ރޮޒޭގެ ފާޑުކިޔުންތައް ލޯކަލް ގަވަމެންޓް އޮތޯރިޓީއަށް އަމާޒުވެފައިވަނީ ބޭރުގެ ޑިޕްލޮމެޓުންނާއި ޖަމާއަތްތަކާއި ބައްދަލުކުރުން ކައުންސިލުތަކަށް ޚާއްސަ ހުއްދައަކާ ނުލާ މަނާކޮށް، އެގޮތަށް ގއ. އަތޮޅު ކައުންސިލުން އަމަލުކުރި ކަމަށްބުނެ ކައުންސިލުގެ ހުރިހާ ކައުންސިލަރުން 3 މަސް ދުވަހަށް ސަސްޕެންޑު ކުރުމާއި ގުޅިގެންނެވެ.

އެމްޑީޕީ ކައުންސިލަރުން ތިބޭ ގއ. ކައުންސިލްގެ ތިން ކައުންސިލަރުންވެސް މުސާރައާއި އިނާޔަތް ނުލިބޭ ގޮތަށް ތިން މަސް ދުވަހަށް ސަސްޕެންޑު ކޮށްފައިވާއިރު ޚިދުމަތެއް ހޯދުމަށް ނޫން ގޮތަކަށް އޮފީހަށް ހާޒިރުވުންވެސް އެލްޖީއޭއިން ވަނީ މަނާކޮށްފައެވެ.

ކައުންސިލުތަކާ ދެކޮޅަށް މިގޮތަށް އަމަލު ކުރަން ފެށީ ސަރުކާރުގެ ޚާރިޖީ އަދި ދާޚިލީ ސިޔާސަތުތަކަށް ބުރޫ ނޭރުވުމަށް ކަމަށް ހޯމް މިނިސްޓްރީން ބުނެފައިވެއެވެ.