މިމަހުގެ 10 ވަނަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާއި ޔުނައިޓެޑު ބައްދަލުކުރި މެޗަށްފަހު ދެޓީމުގެ ކުޅުންތެރިން ހިންގި ހަމަނުޖެހުމާ ގުޅިގެން ދެޓީމަށްވެސް ފިޔަވަޅެއް ނޭޅުމަށް އިނގިރޭސި އެފްއޭއިން ނިންމައިފިއެވެ.
ސިޓީން މެޗު 1-2 އިން ކާމިޔާބުކޮށް، މެޗަށްފަހު "މާގަދައަށް" އުފާ ފާޅުކުރިކަމަށްބުނެ ޔުނައިޓެޑު ކުޅުންތެރިންނާ ދެމެދު ހިނގި ހަމަނުޖެހުމުގައި ސިޓީގެ ކޯޗިން ސްޓާފުގައި ހިމެނޭ މިކެލް އާޓޭޓާގެ މޫނުމައްޗަށް އަނިޔާވިކަމަށް ޚަބަރު ފެތުރިފައިވެއެވެ.
އެފްއޭ އިން ބުނެފައިވަނީ މައްސަލާގައި އިތުރު ފިޔަވަޅެއް ނޭޅުމަށް ނިންމީ ދެކުލަބާއި މިނިވަން ހެކިންތަކެއްގެ ބަޔާން ނެގުމަށްފަހުގައި ކަމަށެވެ.
އެފްއޭއިން ވަނީ މެޗުގެ ކުރީގައި ޔުނައިޓެޑުގެ ކޯޗު މޮރީނިއޯ ދިން ޕްރެސް ކޮންފަރެންސުގައި ސިޓީ ކުޅުންތެރިން "ވައި ޖެހޭއިރު" ވެއްޓޭ ކަމަށް ބުނުމުން އެމައްސަލާގައިވެސް ފިޔަވަޅެއް ނޭޅުމަށް ނިންމާފައެވެ. ނަމަވެސް އެދުވަހު ރެފްރީގެ ނިންމުމާ ގުޅިގެން އިތުރަށް މޮރީނިއޯ އެއްޗެކޭ ބުނެފިނަމަ ފިޔަވަޅު އަޅާނެ ކަމަށް އެފްއޭއިން ވަނީ އަންގާފައެވެ.