Last Updated: June 15, 23:32
Monday, June 15, 2026
ޚަބަރު

ރިނބުދު އަށް ދަތުރުދާން ޚާއްސަ ހުއްދައެއް ނަގަން ޖެހޭ!

ދ. ރިނބުދޫއަށް އެހެން ރަށްތަކުގެ މީހުން ދަތުރުދާން އެދޭނަމަ ޚާއްސަ ހުއްދައެއް ކައުންސިލުން ނަގަން ޖެހޭނެ ކަމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.

ރިބުނދޫ ކައުންސިލުން މިގޮތަށް ނިންމައި އެކަން އިއުލާނުކޮށްފައިވަނީ އަންގާރަ ދުވަހުގައެވެ. މިނިންމުން ނިންމަން ޖެހުނީ އެހެން ރަށްތަކުގެ މީހުން ރިނބުދޫއަށް ދަތުރު ދިއުމުން އެރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އުނދަގޫ ވާ ކަމަށް ބުނެއެވެ. އަދި އެހެން ރަށްތަކުގެ ރައްޔިތުން ދަތުރު ދިއުމަށްފަހު ރަށް ހަޑިކުރާ ކަމުގެ ޝަކުވާވެސް ލިބިފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

އެހެންކަމުން މީގެ ފަހުން ރިނބުދޫއަށް ދަތުރު ދާން ބޭނުން ފަރާތްތަކުން އެރަށަށް ދަތުރު ދާނަމަ އެމީހުންގެ ބަލަދުވެރިޔަކަށް ރިނބުދޫ ރައްޔިތަކު ހޯދަން ޖެހެއެވެ. އަދި ކައުންސިލަށް ކުރިން އެކަން އަންގައި ކައުންސިލުގެ ފަރާތުން ޚާއްސަ ހުއްދައެއް ހޯދައިގެން ނޫނީ ރަށަށް ދަތުރު ނުދެވޭނެ ކަމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

އެގޮތަށް އަމަލު ނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށްވެސް އަންގާރަ ދުވަހު ނެރުނު އިއުލާނުގައި ބުނެފައިވެއެވެ. ރިނބުދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައިވާއިރު ދާދި ފަހުން ހއ. އިހަވަންދޫ ކައުންސިލުންވެސް ވަނީ އެރަށުގައި ދިރިއުޅޭ ބިދޭސީންނަށް މިނިވަންކަން ގެއްލޭފަދަ ޚާއްސަ ނިންމުމެއް ނިންމާފައެވެ.

އިހަވަންދޫ ކައުންސިލުން އެފަހަރު ނިންމި ނިންމުމުގައި ބިދޭސީން ގްރޫޕު ހަދައިގެން ތިބުމާއި ބޭރަށް ނިކުތުމަށް ވަކި ވަގުތުތަކެއް ކަނޑައެޅުމުގެ އިތުރުން އެރަށު ވަލު ތެރެއަށް ވަނުން މަނާކޮށްފައިވެއެވެ. ނަމަވެސް ލޯކަލް ގަވަމެންޓް އޮތޯރިޓީން ވަނީ ކައުންސިލުގެ ނިންމުން ބާތިލުކޮށް، ބިދޭސީންނަށް ލިބިގެންވާ ހައްގުތައް އަނބުރާ ހޯދައިދީފައެވެ.