އައްޑޫ ސިޓީގައި އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް އެމްއެންޑީއެފުން ފަށަން ނިންމައިފިއެވެ.
އަންނަ ހޯމަ ދުވަހު ފަށާ މި ޕްރޮގްރާމްގައި 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. މިމަހުގެ 25 އިން އަންނަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާ ޕްރޮގްރާމް އޮންނާނީ މަރަދޫ ފަތާ ޓްރެކުގައެވެ.
ދެ ޖިންސުގެ މީހުނަށްވެސް ބައިވެރިވެވޭ މި ޕްރޮގްރާމުގައި ބޭސިކް ސްވިމިންގައި އެނގެން ޖެހޭ ހަރަކާތްތައް ދަސްކޮށްދެވޭނެއެވެ. އެގޮތުން ކިކު ޖަހާނެ ގޮތާއި، މޫދުގައި އުފުލިގެން އޮންނާނެ ގޮތުގެ އިތުރުން މޫދަށް އެރިގެން އުޅޭއިރު ވިސްނުން ބަހައްޓަންވީ މުހިންމު އުކުޅުތައް ބައިވެރިންނަށް ދަސްކޮށްދެވޭނެ ކަމަށް ގައުމީ ދިފާއީ ބާރުން މައުލޫމާތު ދެއެވެ.
ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުން އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް އެމްއެންޑީއެފުން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ބައިވެރިވުމަށް 9931507 އަށް ގުޅުއްވައި ނަން ނޯޓު ކުރެއްވުމަށް އެމްއެންޑީއެފުން އެދިފައިވެއެވެ.