ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިހާރު ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދިވެހިންނާ ބައްދަލުކޮށް ޖަލްސާއެއް ބޭއްވުމަށް ނިންމުމަށްފަހު އެމަނިކުފާނުގެ ފުރާނައަށް ނުރައްކާތެރިވެދާނެ ކަމަށް ބެލެވޭތީ އެމްޑީޕީން ބައްދަލުވުން ކެންސަލްކޮށްފިއެވެ.
ބުދަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިބައްދަލުވުން ކެންސަލް ކޮށްފައިވަނީ ގިނަ އަދަދެއްގެ އެމްޑީޕީ ސަޕޯޓަރުން ނަޝީދާ ބައްދަލުކުރުމަށް ލަންކާއަށް ގޮސްފައިވަނިކޮށެވެ.
ރޭ ރާއްޖެ ޓީވީ މެދުވެރިކޮށް ކުރީގެ ފޮރިން މިނިސްޓަރ، އަހުމަދު ނަސީމް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އެކި ފަރާތްތަކުން ނަޝީދަށް އިންޒާރު ފޮނުވަމުން އަންނަ ކަމަށާއި ލަންކާގައި ކިރިޔާވެސް ހަމަނުޖެހުމެއް އުފައްދަން ޖާގަ ދޭން ބޭނުން ނުވާތީ މިވަގުތަށް ބައްދަލުވުން ކެންސަލް ކޮށްފައިވާ ކަމަށެވެ.
ނަޝީދު ވަނީ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނިކޮށް ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށްފަހު އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވާފައެވެ. ސިޔާސީ ހިމާޔަތް ހޯއްދެވި ފަހުން ނަޝީދު ވަނީ އެކި ފަހަރު މަތިން އަވަށްޓެރި ސްރީ ލަންކާއަށް ވަޑައިގެންފައެވެ. އަދި އެމްޑީޕީއާއި ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ އެކު އެގައުމުގައި ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައެވެ.