އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް އަދި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔެއް ކަމަށްވާ ޑރ. އިޔާޒް އަބްދުއްލަތީފް ފ. އަތޮޅު ނިލަންދޫގައި ދަރުސް ދިނުމަށް މަސައްކަތް ކުރުމުން ހުރަސް އަޅައިފިއެވެ.
އެރަށުގައި ދަރުސް އިންތިޒާމް ކުރި ފަރާތަކާ ހަވާލާދީ "ވީއެފްޕީން" ރިޕޯޓުކޮށްފައިވާ ގޮތުގައި ޑރ. އިޔާޒްގެ ދަރުހަށް ހުރަސް އަޅާފައިވަނީ ނުފޫޒުގަދަ ފަރާތަކުން ކަމަށެވެ. އަދި ސަބަބަކަށް ވެފައިވަނީ ޑރ. އިޔާޒަކީ ސަރުކާރަށް ތާއީދު ނުކުރާ މީހެއް ކަމަށްވާތީ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
ޑރ. އިޔާޒް ނިލަންދުއަށް ދަތުރުކުރީ ޗުއްޓީ ހޭދަކޮށްލުމަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި ރަށު ކައުންސިލާއި އަތޮޅު ކައުންސިލުގެ އެދުމުގެ މަތިން ރަށު ރައްޔިތުންނަށް ދީނީ ދަރުހެއް ދެއްވުމަށް ރާވައި މަސައްކަތް ކުރަމުން ދަނިކޮށް ނުފޫޒުގަދަ ފަރާތުގެ އެންގުމުން ފަހު ވަގުތު ކައުންސިލްތައް ވަނީ ދަރުސް ބޭއްވުމަށް ދެކޮޅު ހަދާފައެވެ.
ރަށުން މައުލޫމާތު ދިން މީހާ ބުނެފައިވަނީ ސީދާ ސަރުކާރުގެ އިސް ފަރާތަކުން މިދަރުހަށް ހުރަސްއަޅާފައިވާ ކަމަށާއި ނަމަވެސް މަސްލަހަތަށް ބަލައި އެއީ ކާކުކަން ބުނަން ބޭނުންނުވާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އަދިވެސް ވާހަކަ ދައްކައިގެން ދަރުސް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ބުނެފައިވެއެވެ.