ގެއްލިގެން ހޯދަމުންދިޔަ ލަންކާ މަސްބޯޓު އެމްއެންޑީއެފުން ހޯދައިފިއެވެ. މި ބޯޓު ފެނިފައިވަނީ ނ. މަނަދޫ ސަރަހައްދުންނެވެ.
އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި "ލަކްޕްރިޔާ 1" މަސްބޯޓު ހޯދަމުންދަނިކޮށް ފެނިފައިވަނީ މަނަދޫއާ 12 ނޯޓިކަލް ބޭރުން ކަމަށެވެ. އަދި ބޯޓު ފެނުނުއިރު ބޯޓުގައި ހަ މީހުން ތިބި ކަމަށާއި އެ ހުރިހާ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ.
މަސްބޯޓު ހާލުގައި ޖެހިގެން އެމްއެންޑީއެފްގެ އެހީތެރިކަމަށް ކޮލަމްބޯ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (ކޮލަމްބޯ އެމްއާރުސީސީ) އިން އެދިފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
ބޯޓު ވީނުވީތަނެއް ނޭނގި ގެއްލިފައިވަނީ އިންޖީނު ހުއްޓުމުގެ ސަބަބުންނެވެ. މިދިޔަ މަހުގައިވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ލަންކާގެ ހަތަރު މަސް ބޯޓެއް ވަނީ ފެނިފައެވެ. އަދި ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅުނު ދެ މަސްބޯޓެއް އަތުލާފައިވެސް ވެއެވެ.