އެންމެ ފަހުގެ ލީގު ޗެމްޕިއަން ރެއާލް މެޑްރިޑް އަމިއްލަ ދަނޑުގައި ކުޅުނު މެޗު ބާސެލޯނާއިން 0-3 އިން ކާމިޔާބުކޮށް އެއްވަނައިގައި އޮތް ލީޑު 9 ޕޮއިންޓަށް ފުޅާކޮށްފިއެވެ.
މެޗުގެ ފެށުން ރެއާލުން ރަނގަޅުކޮށް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ، ހަމަލާވެސް އުފައްދާފައިވެއެވެ. މެޗުގެ ވަރަށް ކުރީކޮޅު ރޮނާލްޑޯ ބޮލުން ޖެހި ގޯލެއް ރެފްރީ ވަނީ އޮފްސައިޑު ކަމަށް ނިންމާފައެވެ. އިތުރު ރަނގަޅު ފުރުސަތެއްވެސް ނުފެނި ފުރަތަމަ ހާފު ނިމިފައިވާއިރު ބާސާއިން މެޗުގެ ފުރަތަމަ ގޯލު ޖަހައި ލީޑު ނަގާފައިވަނީ 54 ވަނަ މިނެޓުގައި ސުއަރޭޒްގެ ގޯލަކުންނެވެ.
އަދި ފުރަތަމަ ގޯލުޖެހިތާ 10 މިނެޓު ފަހުން ބާސާއިން ވަނީ ޕެނަލްޓީ އޭރިޔާ ތެރެއިން ރެއާލްގެ ކަރުވަހާލް ގަސްދުގައި އަތުން ބޯޅަ ޖެއްސުމުން ރެފްރީ ވަނީ އޭނާއަށް ރަތް ކާޑު ދެއްކުމަށްފަހު ބާސާއަށް ޕެނަލްޓީއެއް ދީފައެވެ. ފަސޭހަކަމާއެކު ޕެނަލްޓީ މެސީ ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައިވާއިރު މެޗުގެ ފަހު ގޯލު އެންމެ ފަހު މިނެޓުގައި ޖަހާފައިވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް އެލެކްސް ވިޑާލްއެވެ.
މިމޮޅާއެކު ބާސާއިން ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑާއި ދެމެދު 9 ޕޮއިންޓުގެ ފަރަގެއް ގާއިމުކޮށްފައިވާއިރު ރެއާލްއާ ދެމެދު 14 ޕޮއިންޓުގެ ފަރަގެއް ވަނީ މިހާރު އުފެދިފައެވެ.