Last Updated: April 20, 10:35
Saturday, April 20, 2024
ކޮލަމް

އަޅުގަނޑުގެ ރިއާސީ ވައުދުތައް (ތިންވަނަބައި)

މީގެ ކުރީގެ ކޮލަމް ތަކުގައި އަޅުގަނޑު ރިއާސީ ވައުދުތަކުގެ ފުރަތަމަ ބަޔާއި ދެވަނަ ބައި ގެނެސްދީފައި ވާނެ އެވެ. މިއީ ވައުދުތަކުގެ ތިންވަނަ އަދި ފަހު ބައެވެ. ކުރީ ދެބައިގައި ޖުމުލަ އެގާރަ ވައުދު ހިމެނިފައިވާނެ އެވެ.

12- އަޅުގަނޑުގެ ބާރަވަނަ ވައުދަކީ އަޅުގަނޑަށް ރައީސްކަން ލިބިއްޖެނަމަ ސިޔާސީ ޕާރޓީތަކަށް ދައުލަތުން ފައިސާދޭން ނުޖެހޭގޮތަށް ޤާނޫނު އިސްލާހު ކުރުމެވެ. ހަމަ އެއާއި އެކު ސިޔާސީ ޕާޓީތަކަށް ވިހިހާސް ކީއްކުރަންތޯ، އެއްލައްކަ މެމްބަރުން ހަމަވިއަސް ދައުލަތުން އެޕާރޓީ ތަކަށް ބިންދޭން ނުޖެހޭގޮތަށް ސިޔާސީ ޕާރޓީ ތަކުގެ ބިލް އިސްލާހުކުރާނަމެވެ. އަދި މެންބަރުންނަށް ޕެންޝަން ދޭން ނުޖެހޭގޮތަށާއި، މެންބަރުކަމުން ވަކިވުމުން އިތުރު މާލީ އިނާޔަތެއް ދޭން ނުޖެހޭގޮތަށް ޤާނޫނު އިސްލާހު ކުރާނަމެވެ. މީގެ އިތުރުން މަގުބޫލު އުޒުރެއް ނެތި ޖަލްސާތަކަށް ހާޒިރުވެވަޑައިނުގަންނަވާ މެންބަރުންގެ މުސާރައިން ދުވަހަކަށް ޖެހޭ ވަރު އުނިކުރާގޮތަށްވެސް އިންޝާ ﷲ ހަމަޖައްސާނަމެވެ.

13- އަޅުގަނޑަށް ރައީސްކަން ލިބިއްޖެނަމަ ސަރުކާރު ނުވަތަ ސިވިލްސަރވިސްގެ ހުރިހާ އަންހެން މުއައްޒަފުން ޑިއުޓީގަޑީގައި ބުރުގާ އަޅަން ލާޒިމްވާ ގޮތަށް ސިވިލްސަރވަންޓުންގެ ޑްރެސްކޯޑް ގެ ގަވާއިދު އެކުލަވާލާނަމަވެ. ހަމައެފަދައިން ރާއްޖޭގެ ހުރިހާ މަދަރުސާއެއްގެ އަންހެން ކުދިންގެ ޔުނިފޯރމް ގެ ބައެއްގެ ގޮތުގައި ބުރުގާ ހިމަނާނަމެވެ. މަގްސަދަކީ ހުރިހާ ދިވެހި އަންހެނުން ވެސް އިއްފަތްތެރިވުމުގެ ގޮތުން ބުރުގާ އެޅުމަށް ބާރުއަޅައި، ހިތްވަރުދިނުމެވެ.

14- އަޅުގަނޑުގެ ސާދަވަނަ ވައުދަކީ އީރާނާއި ސައުދި އެރެބިއާ ފަދަ އިސްލާމީ ގައުމުތަކުގައި މިހާރުވެސް އަމަލުކުރާ ފަދައިން އިންޓަރނެޓުން އެއްވެސް ކަހަލަ ޕޯރނޯގްރަފީއެއް ނުވަތަ ފާހިޝް ފޮޓޯއެއް ނުވަތަ ފާހިޝް ވީޑިއޯއެއް ނުބެލޭގޮތަށް ރާއްޖޭގައި އިންޓަރނެޓް ސެންސަރ ކުރުމެވެ. މިއީ އެއްވެސް ދަތިކަމެއް ނޫނެވެ. މިކަމަށް ބޭނުންވާނީ އިންޓަރނެޓް ފިލްޓަރ ކުރެވޭނެ ނިޒާމެކެވެ. އިސްލާމީ ޕާޓީތަކާއި ޖަމާއަތްތަކުން އަދި އިސްލާމިކް މިނިސްޓްރީން މިހާރުވެސް މިކަމަށް ގޮވައި ނުލާތީ އަޅުގަނޑު ކަންބޮޑުވެ އެވެ.

15- އަޅުގަނޑުގެ ރިއާސީ ފަނަރަވަނަ ވައުދަކީ އަންހެން ކުދީންނާއި ފިރިހެން ކުދީން އެއް ސްކޫލެއްގައި ކިޔެވިކަމުގައި ވިޔަސް ދެޖިންސުގެ ކުދީންގެ ކްލާސްރޫމްތައް ވަކިކުރުމެވެ. ހަމައެއާއިއެކު އިސްލާމް މާއްދާގެ އިތުރުން ގުރުއާން ވަކި މާއްދާއެއްގެ ގޮތުގައި، އަދި ހަދީސް ވަކި މާއްދާއެއްގެ ގޮތުގައި ގްރޭޑް 12 އާއި ހަމައަށް މަޖުބޫރު ތިން މާއްދާގެ ގޮތުގައި ހަމަޖައްސާނަމެވެ.

16- އަޅުގަނޑުގެ ސޯޅަ ވަނަ ވައުދަކީ އިނގިރޭސިބަހުން ދިވެހިބަހަށް ފޮތް ތަރުޖަމާ ކުރުމަށް ވަކި އިދާރާއެއް ގާއިމް ކޮށް އެޑިޕާޓްމެންޓުން ތަފާތު އެކި ފަންނުގެ އިލްމީ ފޮތްތައް ދިވެހި ބަހަށް ތަރުޖަމާކޮށް ޕަބްލިޝްކުރާ ގޮތަށް ހަމަޖެއްސުމެވެ. އަދި މިދެންނެވި ޑިޕާޓްމެންޓާއި ގުޅިފައިވާގޮތަށް ޤައުމީ ކުތުބުހާނާގެ ޖާގަ މިހާރަށްވުރެން ދިހަގުނަ އިތުރުކޮށް އެކަމަށްޓަކައި ހަތަރުހާސް އަކަފޫޓުގެ ބިމެއްގައި ދިހަބުރީގެ އިމާރާތެއް ކުރާނަމެވެ. މިސާލަކަށް "ދަސީކްރެޓް" އަދި "ތޯޓްސް އާ ތިންގްސް" އަދި "ބީންގް އެންޑް ނަތިންގްނެސް" ފަދަ ފޮތްތަކުގެ ދިވެހިތަރުޖަމާ ލިބެން ނެތްހާ ހިނދަކު ދިވެހިންގެ ސިކުނޑިތައް ތަރައްގީއެއް ނުވާނެއެވެ. ވޭވް ސައިކަލާއި އެންމެފަހުގެ އައިފޯނާއި އިލީ ކޮފީއަށްވުރެން ދުރަށް ދިވެހިންގެ ސިކުނޑި ފޯރާނީ މިފަދަ އިލްމީ ހޭލުންތެރިކަމުގެ އިންގިލާބެއް ގެނެވިގެންނެވެ. އަދި އެއިންގިލާބު ގެނެވޭނީ އިލްމީ ތަރުޖަމާ މެދުވެރިކޮށް ދިވެހި ފޮތްތަކެއް ބަޕްލިޝް ކުރުމުގައި ދެމިތިބެވިގެންނެވެ.

17- އަޅުގަނޑުގެ ކުރީގެ ވައުދެއްގައި ފުޓުބޯޅަ އެކަޑަމީ ސްކޫލެއް ހަދާ ވާހަކަ ބަޔާންކުރީމެވެ. އަދި ރާއްޖޭގެ ފީފާ ރޭންކިންގ ދުނިޔޭގެ ސަތޭކަ ވަނައަށް ވުރެން މައްޗަށް ޖައްސާނެ ވާހަކަ ބަޔާންކުރީމެވެ. މިހާރު ރާއްޖޭގެ ފީފާ ރޭންކިންގ އަކީ 161 އެވެ. މިހާތަނަށް ރާއްޖޭގެ ރޭންކިންގ އެންމެ މައްޗަށް ގޮސްފައި 2005 ވަނަ އަހަރުއެވެ. އެއަހަރު ރާއްޖެ ރޭންކް ކުރެވުނީ ދުނިޔޭގެ 131 ވަނައިގައެވެ. އެހެން ގައުމަކާ އަޅާ ކިޔާނަމަ މިސާލަކަށް ސައުދި އަރަބިއާ އޮތީ ދުނިޔޭގެ ގާތްގަނޑަކަށް ސަތޭކަވަނައިގައެވެ. އެހެންކަމުން އަޅުގަނޑު ގެ ވައުދަކީ ރާއްޖޭގެ ފުޓުބޯޅައިގެ ފެންވަރު ސައުދީއާ އެއްދަރަޖައަކަށް ގެންދިއުމެވެ. އެގޮތުން ފީފާ އާއި މަޝްވަރާކޮށްގެން ސާރކްގެ ބަދަލުގައި އާސިއާން ސަރަހައްދަށް ރާއްޖޭގެ ފުޓުބޯޅަ ބަދަލުކޮށް، ރާއްޖޭގެ ކޮންމެ އަތޮޅަކަށް ނިސްބަތްވާ އެއްޓީމު ހިމެނޭގޮތަށް އެޓޯލް ލީގެއް ތައާރަފްކޮށް އެމުބާރާތަކީ ގައުމީ ފުޓުބޯޅަ ލީގު ކަމަށް ހަމަޖައްސާނަމެވެ. އެއިރުން އިނގިރޭސި ޕްރެމިއަރ ލީގު ފަދަ ޓީމުތައް ކުޅެންޖެހޭނީ ހޯމް އެންޑް އަވޭ އުސޫލުން އެކި އަތޮޅު ތަކުގައެވެ. އޭގެ ސަބަބުން ކޮންމެ އަތޮޅެއްގައި ސްޓޭޑިއަމް ހެދި ފުޓްބޯޅައިގެ ފޯރި ގަދަވެގެންދާނެއެވެ.

18- އަޅުގަނޑުގެ އަށާރަވަނަ ވައުދަކީ ކުދިވިޔަފާރިތަކަށް ފަސޭހަކޮށް ހިތްވަރުދިނުމުގެ ގޮތުން ބީ.ޕީ.ޓީ ހުށަހަޅަން ޖެހޭނީ ހަމައެކަނި އަހަރަކު އެއްމިލިއަން ފައިދާޖެހޭ ވިޔަފާރިތައްކަމުގައި ހަމަޖައްސާނަމަވެ. އަހަރަކު އެއްމިލިޔަން ފައިދާ ވުމަކީ އެވްރެޖްކޮށް މަހަކު އަށްޑިހަ ހާސް ފައިދާވުމެވެ. އެއީ ވެސް ހަގީގަތުގައި ރާއްޖޭގެ ތަންތަނުގެ ކުއްޔަށާއި، ދިރިއުޅުމުގެ އަގުތަކަށް ބަލާއިރު ބޮޑު އެއްޗެއް ނޫނެވެ.

19- ބިދޭސީން މަދުކޮށް ކޮންޓްރޯލް ކުރުމުގެ ސިޔާސަތުގެ ދަށުން އަޅުގަނޑުގެ ވެރިކަމުގައި ހުރިހާ ބިދޭސީންނަށް ވެސް ރާއްޖޭގެ ފެރީތަކަށާއި ވައިގެ ދަތުރުފަތުރުތަކަށާއި ޓެކްސީތަކަށް ވެސް އެރޭނީ ވޯކްވިސާ ކަރޑް ދައްކާފައެވެ. އަދި ރާއްޖޭގެ އިގްތިސާދީ އަދި ސިޔާސީ ސަރަހައްދު ބެލެހެއްޓޭ ފަދަ ގާބިލު ނޭވީއެއް އުފައްދައި ކޯސްޓްގާރޑްގެ ނަން މޯލްޑިވްސް ނޭވީ ގެ ނަމަށް ބަދަލުކުރާނަމެވެ.

20- އަޅުގަނޑުގެ ވިހިވަނަ ވައުދަކީ ރާއްޖޭގެ ވުޒާރާ ތަކާއި، މުހިއްމު މުއައްސަސާ ތަކުގެ އިދާރީ އޮފީސްތަކުގެ ތެރެއިން މަދުވެގެން ތިންބައިކުޅަ އެއްބައި އިދާރީ އޮފީސްތައް ހުޅުމާލެ އަށް ބަދަލުކޮށް، މަދުވެގެން އެއް މިނިސްޓްރީ ވިލިމާލެ އަށް ބަދަލުކުރުމެވެ. ހަމައެއާއި އެކު ވިލިމާލެއާއި، މާލެއާއި، ހުޅުލެ ބްރިޖަކުން ގުޅާލުމުގެ މަސައްކަތް އަވަސްކުރާނަމެވެ. މީގެ އިތުރުން އައްޑުއަތޮޅު ގަމުގެ ވައިގެ ބަނދަރު ފުރިހަމައަށް ބައިނަލްއަގުވާމީ ކޮށް އެތަނުގެ ނަން އައްޑުއަތޮޅުގެ ހިދުމަތްތަރި ޝަހުސިއްޔަތެއްގެ ނަމާގުޅުވައިގެން ބަދަލުކުރާނަމެވެ. އަދި މަދުވެގެން ބައިނަލްއަގުވާމީ ތިން ގައުމަކަށް ގަމުން ސީދާ ފްލައިޓް ފައްޓާނަމެވެ. އޭގެތެރޭގައި ކަލަމްބޯ، ސިންގަޕޫރ، ބެންގކޮކް އަދި ޔޫރަޕްގެ މަންޒިލެއް ހިމެނުމަށް މަސައްކަތް ކުރާނަމެވެ.

ހަމަ އެފަދައިން ހަނިމާދޫ ބައިނަލްއަގުވާމީ ވައިގެ ބަނދަރުވެސް އިތުރަށް ތަރައްގީކޮށް މަދުވެގެން ބައިނަލްއަގުވާމީ ދެ މަންޒިލަކާއި ހަނިމާދޫ އާ ގުޅާލާނަމެވެ.

އިން ޝާ ﷲ އަޅުގަނޑުގެ ވިހި ވައުދަކީ ހަމައެކަނި ޚުލާސާ ސުރުހީ ތަކެކެވެ. މީގެ އަސްލު ތަފްސީލުތައް ފެނިގެންދާނީ ﷲ ގެ އިރާދަފުޅުން ނޮވެމްބަރ 2013 ގައި އަޅުގަނޑު ހުވާކުރާ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައެވެ. ދެވަނަ ދައުރަކަށް އަޅުގަނޑު ހޮވައިފިނަމަ 2023 އަންނަންވާއިރު ﷲ އިރާދަފުޅު ކުރެއްވިއްޔާ ރާއްޖެ ހިމެނިގެންދާނީ ސިންގަޕޫރު ފަދަ ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައެވެ.