Last Updated: June 15, 23:32
Monday, June 15, 2026
ކުޅިވަރު

ފަހު ވަގުތު އަނެއްކާވެސް ޔުނައިޓެޑަށް ލަނޑު ލިބިއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ލެސްޓާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ ޔުނައިޓެޑަށް އަނެއްކާވެސް ފަހު ވަގުތު ވަން ގޯލެއްގެ ހިތްދަތިކަމާ ކުރިމަތިލާން ޖެހިއްޖެއެވެ.

ލީގު ކަޕުގައި ބުރާސްފަތި ދުވަހު ބްރިސްޓަލް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑު ބަލިވެފައިވަނީ އެންމެ ފަހު ވަގުތު ބްރިސްޓަލް އިން ޖެހި ގޯލަކުންނެވެ. ރޭގެ މެޗުގައި 1-2 އިން ޔުނައިޓެޑު ކުރީގައި އޮތްވާ ލެސްޓާއިން ނަތީޖާ އެއްވަރުކޮށްފައިވަނީ 94 ވަނަ މިނެޓުގައެވެ.

އެހެން ނަމަވެސް މެޗުގެ ފުރަތަމަ ގޯލު ޖަހައި ލީޑު ނަގާފައިވަނީ ލެސްޓާއިންނެވެ. ކައުންޓާ އެޓޭކެއްގައި 27 ވަނަ މިނެޓުގައި ގޯލު ޖަހާފައިވަނީ ޖޭމީ ވާޑީއެވެ. ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފައިވަނީ ޔުއަން މަޓާއެވެ. ދެވަނަ ހާފުގެ ކުރީކޮޅުގައި ޔުނައިޓެޑުން ލީޑު ނެގީވެސް މަޓާގެ ގޯލަކުންނެވެ.

ޔުނައިޓެޑުން ލީޑު ނަގާފައިވަނިކޮށް ލެސްޓާގެ އަމާޓޭ ކައިރި ކައިރީގައި ހޯދި ދެ ރީނދޫ ކާޑާއެކު ރެފްރީ ވަނީ އޭނާއަށް ރަތް ކާޑު ދައްކާފައެވެ. ލީޑު ހިފަހައްޓައި މެޗު ނިންމާލަން ރަނގަޅު ފުރުސަތުތަކެއް ޔުނައިޓެޑު ކުޅުންތެރިންނަށް ލިބުނު ނަމަވެސް ބޭނުން ނުހިފި އޮތްވާ ލެސްޓާ ހެރީ މެގުއަޔާ ވަނީ އެންމެ ފަހު މިނެޓު ތެރޭގައި ލެސްޓާއަށް ޕޮއިންޓެއް ހޯދަދީފައެވެ.