Last Updated: May 15, 09:10
Wednesday, May 15, 2024
ޚަބަރު

"ފާސްޓް ފުޑް" ފަޅާލައިގެން 12،000ރ. ވަގަށް ނަގައިފި

ހިތަދޫ ލިންކް ރޯޑްގައި ހުންނަ ފާސްޓް ފުޑް ރެސްޓޯރަންޓް ރޭ މެންދަމުގެ ވަގުތެއްގައި ފަޅާލައިގެން 12،000 ރ. އާއި ބައެއް ތަކެތި ވަގަށް ނަގައިފި އެވެ.

އެތަނުގެ މެނޭޖަރު އިބްރާހީމް އަޒްވަރު "އައްޑޫ ލައިވް" އަށް މިއަދު ބުނީ ރެސްޓޯރަންޓް ފަޅާލައިގެން ވައްކަން ކުރީ ރޭ މެންދަމު 3:45 އެހާކަށް އިރު ކަމަށެވެ. އަދި އެތަނުން ވައްކަން ކުރީ ރެސްޓޯރަަންޓްގެ ބަދިގެ ފަރާތު ދޮރުގެ ބިއްލޫރި ތަޅާލައިގެން ވަދެ، ވައްގަނޑު ވެސް ހަލާކުކޮށްލައިގެން ކަމަށް ބުންޏެވެ.

އަޒްވަރު ބުނީ މި ހާދިސާ ހިނގި އިރު އެތަނުގެ ސެކިއުރިޓީ ގާޑް ވެސް އިން ކަމަށެވެ. ނަމަވެސް ވައްކަންކޮށްފައި ވަނީ ތޫނު އެއްޗަކުން އޭނާ އަށް ބިރު ވެސް ދައްކައިފައި ކަމަށް ބުންޏެވެ.

"އޭނަގެ ކަރާ ދިމާލަށް ވަޅިއެއް ދިއްކޮށްގެން ބިރު ވެސް ދެއްކުމަށް ފަހު ތަން ފަޅާލައި ވައްކަންކޮށްފައި ވަނީ. ބާރަ ހާސް ރުފިޔާގެ އިތުރަށް ޑެލިވަރީފޯނު ވެ ސް ވަނީ ވަގަށް ގެންގޮސްފައި،" އަޒްވަރު ބުންޏެވެ. "މިކަމެއް ކޮށްފައި ވަނީ މޫނު ނިވާކޮށްގެން ތިބި ހަތަރު މީހަކު ކަމަށް ސެކިއުރިޓީ ބުނަނީ."

މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާތީ މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

"ފާސްޓް ފުޑުން" ބުނީ ރޭގެ ހާދިސާއާ ގުޅިގެން، މިއަދު ހެނދު ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގައި ވެސް ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ.

"މިތަނުގެ ޑެލިވަރީ އަށް ގުޅާ ފޯން ވެސް ނެގީމަ ވަރަށް ބޮޑަށް ސާވިސް ދޭން ބުރޫ އަރާފައި އޮތީ،" އަޒްވަރު ބުންޏެވެ.