Last Updated: June 15, 23:32
Monday, June 15, 2026
ޚަބަރު

ފަރަންޖީންނަށް ބަރޯސާވާން ދެން ބޭނުމެއް ނޫން: ރައީސް

ރައީސް އަބްދުﷲ ޔާމީން ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާއެކު

ދިވެހި ރާއްޖެއަށް ބޭރުގެ "ބޮޑުބޭބެއެއް" ބޭނުން ނުވާ ކަމަށާއި ރާއްޖެއިން ފަރަންޖީންނަށް ބަރޯސާ ނުވާނެ ކަމަށް ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

މިއަދު ނ. އަތޮޅު ހެނބަދޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށް، ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވަނީ ނުސީދާގޮތުން ބޭރުގެ ނުފޫޒުގަދަ ފަރާތްތަކަށް ފާޑުވިދާޅުވެފައެވެ. ދިވެހި ރާއްޖޭގެ ތާރީޚުގައި އެކި ފަހަރު މަތިން ބޭރުގެ ނުފޫޒާ ހެދި ރައްޔިތުންނަށް ނިކަމެތިކަން ލިބިފައިވާ ކަމަށާއި ގާނޫނާއި ޚިލާފަށް ރާއްޖެއަށް އަންނަ ނުފޫޒުތަކަކީ ދިވެހިން ބޭނުންވާ އެއްޗެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ މި ދިގު ތާރީހުގައި އަޅުގަނޑުމެން ދެކިއްޖައިމު އެކި ފަހަރުމަތިން ބޭރުގެ ފަރާތްތަކުގެ ނުފޫޒު ރާއްޖެ އަށް ވަނީމާ ރާއްޖޭގެ ރައްޔިތުން އުޅެން ޖެހޭ ނިކަމެތިކަން. އެހެންވީމާ އަޅުގަނޑުމެން ބޭނުމެއް ނޫން ބޭރުން ގާނޫނާ ހިލާފަށް މި އަންނަ ނުފޫޒުތަކެއް،"

އަދި ދިވެހިންގެ ސިޔާސަތުތައް ތަންފީޒު ކުރުމަށާއި މުހިންމު ނިންމުންތައް ނިންމުމަށް ފަރަންޖީން ގެނެސް ބަސް ކިޔުމަށް ދައުވަތު ދޭން ޖެހޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

އިދިކޮޅު ސިޔާސީ ފަރާތްތަކަށްވެސް ރައީސް ޔާމީންގެ ފާޑުވިދާޅުވުންތައް މިއަދުގެ ވާހަކައިގައި އަމާޒުވެފައިވާއިރު ރައީސް ޔާމީން ވަނީ ތަރައްގީގެ ވާހަކައާއި ގައުމީ ކަމެއްގެ ވާހަކަ އެބޭފުޅުން ދައްކަވާނަމަ އެމަނިކުފާނަށް އޭގެ އަޑު އިވޭނެ ކަމަށެވެ. ނަމަވެސް ވަކިތަނެއްގައި މުޒާހަރާ ކުރަން ބޭނުންވެގެން، އެ މުޒާހަރާ ނުކުރެވޭ ކަމަށް ބުނުމާއި ވަކި މީހެއްގެ ބަންދާއި މެދު ލުއި ގޮތެއް ކަނޑައަޅައިދނުމަށް އެދި ގޮވާނަމަ އަޑު ނީވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.