Last Updated: June 15, 23:32
Monday, June 15, 2026
ޚަބަރު

އިންޑިޔާ އަށް ބަދުބަސް ނުބުނަން ރައީސް ގޮވާލައިފި

ރައީސް އަބްދުﷲ ޔާމީނާއި އިންޑިޔާ ބޮޑުވަޒީރު މޯދީ-

ޒަމާނުއްސުރެ ދިވެހިންގެ އެންމެ އެކުވެރި ގައުމަކީ އިންޑިޔާ ކަމަށާއި އިންޑިޔާއަށް ބަދުބަސް ނުބުނުމަށް ރައީސް އަބްދުﷲ ޔާމީން ނޫސްވެރިންނަށާއި ލިޔުންތެރިންނަށް ގޮވާލައިފިއެވެ.

ރައީސް ޔާމީން ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައި މިއަދު ހަވީރު ވެލިދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކޮށް، ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ ލިޔުންތެރިންނާއި ނޫސްވެރިން ޚަބަރުތައް ގެނެސްދޭއިރު އިންޑިޔާ ވެރިންނަށާއި ސަރުކާރަށް ބަދުބަސް ރައްދުކޮށް ޚަބަރު ގެނެސްނުދިނުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

އިންޑިޔާގެ ވަކިވަކި ފަރުދުންނާއި އަމިއްލަ މީހުންގެ ޚިޔާލުތަކަށް ދިވެހިން ގޮތް ކިޔައި، އިންޑިޔާ ސަރުކާރަށް ބަދުބަސް ބުނުމަށް އެއްގޮތަކަށްވެސް ނޭދޭ ކަމަށް ރައީސް ވިދާޅުވިއެވެ.

އެފަދަ ކަންތައްތަކަކީ ވަރަށް ދެރަކޮށް ހިނގާ ކަންތައް ކަމަށާއި އޭގެ ސަބަބުން މުޅި ދައުލަތުގެ މަސްލަހަތާއި ހުރިހާ ރައްޔިތުންގެ މަސްލަހަތަށް ކުރާނެ އަސަރުތަކާއި މެދު ވިސްނާލުމަށް ރައީސް ޔާމީން ވަނީ މިއަދު ގޮވާލާފައެވެ.

އިންޑިޔާ ސަރުކާރަކީ ރާއްޖޭގެ ގާތް އެކުވެރިޔެއް ނޫން ކަމަށާއި، އެއީ "އަދުއްވެއް" ކަމަށްބުނެ ވަގުތު ނޫހުގައި ޝާއިއުކުރި ލިޔުމަށް ގިނަ ބަޔެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އޭގެ ތެރޭގައި ކުރީގެ ދެރައީސުން ކަމަށްވާ މައުމޫން އަބްދުލްޤައްޔޫމާއި މުހައްމަދު ނަޝީދު ފާހަގަކޮށްލެވެއެވެ. ފާޑުކިޔުންތައް އަމާޒުވުމުގެ ސަބަބުން އެނޫހުން ވަނީ އެލިޔުން ފަހުން ނަގާފައެވެ.