ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީނަކީ ދިވެހި "ހުރިހާ ރައްޔިތުންގެ ބައްޕަ" ކަމަށާއި އެމަނިކުފާނަށް ގައުމުގެ ހުންގާނުގައި އަދި އެއް ފުރުސަތު ދެއްވުމަށް ސަރުކާރު ކޯލިޝަނުގައި ހިމެނި ވަޑައިގަންނަވާ އެމްޑީއޭގެ ލީޑަރު، އަހުމަދު ސިޔާމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހާރު ރާއްޖޭގެ އުތުރުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސާއެކު ބައިވެރިވަޑައިގެންފައިވާ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ސިޔާމް މިއަދު ވެލިދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ ރައީސް ޔާމީނަކީ ގައުމުގެ ހުންގާނުގައި ހުންނަވައި، ފަރަށް އަރުއްވާނެ ބޭފުޅެއް ނޫން ކަމަށެވެ.
ރާއްޖޭގެ ވެރިކަމަށް ގެންނަން ވާނީ ރައީސް ޔާމީންފަދަ ގާބިލު ބޭފުޅެއް ކަމަށާއި ގައުމުގެ މުސްތަގުބަލު އުޖާލާ ކުރުމަށް 2023 ވަނަ އަހަރާއި ހަމައަށް ރައީސް ޔާމީނަށް ފުރުސަތު ދިނުމަށް ސިޔާމް ވަނީ އެދިވަޑައިގެންފައެވެ. ރައީސް ޔާމީނަށް ތައުރީފްގެ ބަސްތައް މިއަދުގެ ޖަލްސާގައި ސިޔާމް އަމުނާލާފައިވާއިރު ސިޔާމް ވަނީ އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީނާ ގުޅޭގޮތުން ދައްކާ ވާހަކަތައް ދޮގުކޮށްފައެވެ.
"މާތް ﷲ ގަންދީ ކުރާ ހުވައެއްމީ. ﷲ ދެނަވޮޑިގެންވާނެ. އަޅުގަނޑު ކައިރީގައި ދުވަހަކުވެސް އަދި މިހާ ހިސާބަށްދިޔައިރުގައި ނެތް ނުސީދާކޮށް ކަމެއް ކުރަން ބުނެފައެއް. ވައްކަން ކުރަން ބުނެފައެއް. ވައްކަމަށް ހިތްވަރުދޭނެ ވާހަކައެއް ބުނެފައެއް. ކޮރަޕްޝަންގެ ވާހަކައެއް ބުނެފައެއް. 25 އަހަރުވީ ރައްޓެއްސެއްއެއީ،"
އަދި އިދިކޮޅު ފަރާތްތަކުން އެގޮތަށް ވާހަކަ ދައްކަނީ ރައީސް ޔާމީނާ މެދު ހަސަދަވެރިވެގެން ކަމަށް ސިޔާމް ތުހުމަތު ކުރައްވައެވެ. ކޮރަޕްޝަނޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ހާސިލުކުރަން ބޭނުންވަނީ އަމިއްލަ އެދުން ކަމަށް ވިދާޅުވެ ސިޔާމް ވަނީ ވަރަށް ބޮޑަށް އިދިކޮޅަށް ފާޑުވިދާޅުވެފައެވެ.
އަދި އެމަނިކުފާނަކީ އަމިއްލަ އެދުމަށް މަސައްކަތް ކުރާ ބޭފުޅެއް ނޫން ކަމަށާއި އިޚުލާސްތެރި ބޭފުޅެއް ކަމަށް ސިޔާމް ވިދާޅުވިއެވެ. ސިޔާމް މިއަދުގެ ޖަލްސާގައި އިދިކޮޅު ފަރާތްތަކަށް ރައްދު ދީފައި މިވަނީ "އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގައި" ރައީސް ޔާމީންވެސް ބައިވެރިވެފައިވާ ކަމަށާއި ޚިޔާނާތުގެ ފައިސާ ރައީސް ޔާމީން ނެންގެވި ކަމަށް ބުނެ އިދިކޮޅުން ދައްކާ ވާހަކަތަކަށް ކަމަށް ބެލެވެއެވެ.