Last Updated: June 15, 23:32
Monday, June 15, 2026
ޚަބަރު

ގުއަޓެމަލާ އެމްބަސީ ވެސް ޤުދުސް އަށް

އިޒުރޭލު އެމްބަސީ ގުދުސް އަށް ބަދަލު ކުރަން ބައިނަލްއަގުވާމީ ގަވާއިދުތަކާ ޚިލާފަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމުމަށް ފަހު ގުއަޓަމެލާއިން ވެސް އެމްބަސީ ގުދުސް އަށް ބަދަލު ކުރަން ނިންމައިފި އެވެ.

ގުއަޓެމަލާއިން މިގޮތަށް ނިންމާފައިވަނީ އެމެރިކާއިން ނިންމި ނިންމުމަކީ ގާނޫނާއި ޚިލާފު ނިންމުމެއް ކަމަށް އދ. ގެ އާންމު މަޖިލީހުގައި ނެގި ވޯޓުގައިވެސް ގުއަޓަމެލާއިން ވަނީ އެނިންމުން ރަނގަޅު ކަމަށް ވޯޓު ދީފައެވެ.

އެމެރިކާގެ އެހީއަށް ބަރޯސާވާ ގުއަޓެމަލާއިން މިގޮތަށް އަމަލުކޮށްފައިވަނީ އދ. ގެ ވޯޓުގައި އެމެރިކާއާ ދެކޮޅަށް ވޯޓުދޭ ގައުމުތަކަށް އެހީ ކަނޑާލާނެ ކަމުގެ އިންޒާރު، އެގައުމުގެ ރައީސް ޓްރަމްޕް ފޮނުވާފައިނިކޮށެވެ. ޓްރަމްޕް ބުނެފައިވަނީ އެމެރިކާއާ ދެކޮޅަށް ވޯޓު ދޭން ތިބި ގިނަ ގައުމުތަކަކީ އެމެރިކާގެ އެހީ ހޯދާ ގައުމުތައް ކަމަށާއި ވޯޓު ދީފިނަމަ އެހީ ކަނޑާލާނެ ކަމަށެވެ.

އިޒުރޭލު އެމްބަސީތައް ހުންނަނީ އެގައުމުގެ ޓެލް އަވިވްގައެވެ. އެމެރިކާ އެމްބަސީ ގުދުސްއަށް ބަދަލުކޮށް ގުދުސްއަކީ އިޒުރޭލުގެ ވެރިރަށް ކަމަށް ބަލައިގަތުމުން މިހާތަނަށް އެމެރިކާއާއެކު އެމްބަސީ ގުދުސްއަށް ބަދަލުކުރަން ނިންމި ހަމައެކަނި ގައުމަކީވެސް ގުއަޓެމަލާއެވެ. ގިނަ ގައުމުތަކުން ވަނީ ޓްރަމްޕްގެ ނިންމުމާ ދެކޮޅު ހަދާފައެވެ.