ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ކޮރަޕްޝަނުގެ ހަގީގީ ޗެމްޕިއަން ކަމަށާއި އެމްޑީޕީން އަންނަނީ ދިވެހި ރައްޔިތުންނަށް އެކަން އޮޅުވާލުމަށް މަސައްކަތް ކުރަމުން ކަމަށް އެންވަޔަރޮމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ކޮރަޕްޝަނުގެ އިނގިލި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ދިއްކުރަނީ އެމްޑީޕީ ސަރުކާރުގައި ކޮރަޕްޝަނުގެ ބޮޑެތި އަމަލުތައް ހިންގާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ މައި އެއާޕޯޓު ނުއަގުގައި އެމްޑީޕީ ސަރުކާރުން ވިއްކާލީ ވެރިކަމަށް އައުމަށް އެކި ފަރާތްތަކުން ކުރުވި ޚަރަދު ފޫބެއްދުމަށް ހަދިޔާ ދިނުމަށް ކަމަށް ތޯރިގް ތުހުމަތުކޮށްފައިވެއެވެ.
މިއަދު ޅ. ހިންނަވަރުގެ ފެން ޕްލާންޓު ހުޅުވައިދިނުމަށް ރައީސް ޔާމީނާއެކު އެރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން ތޯރިގްގެ ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް އެމްޑީޕީ ސަރުކާރަށް ރައްދުކޮށްފައިވާއިރު އިއްޔެ ސަރުކާރު ކޯލިޝަނުގައި ހިމެނިވަޑައިގަންނަވާ އެމްޑީއޭގެ ލީޑަރު ސިޔާމްވެސް ވަނީ ރައީސް ޔާމީނަށް އަމާޒުވާ ކޮރަޕްޝަނުގެ ތުހުމަތުތަކަށް ރައްދު ދެއްވާފައެވެ.
ސިޔާމް ވިދާޅުވެފައިވަނީ 25 އަހަރު ރައީސް ޔާމީނާއެކު މަސައްކަތް ކުރެވިއްޖެ ކަމަށާއި ދުވަހަކުވެސް ވައްކަމެއް ކުރުމަށް ނާންގާ ކަމަށެވެ. ސިޔާމް ދެކޭ ގޮތުގައި އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީނާ ބެހޭގޮތުން އެފަދަ ވާހަކަ ދައްކަނީ ރައީސް ޔާމީނަށް ހަސަދަވެރިވާތީއެވެ.