ފީފާ ވޯލްޑް ކަޕް ޓްރޮފީ އަންނަ މަހު ރާއްޖެ ގެންނާނެކަން ފީފާ އިން އިއުލާންކޮށްފި އެވެ.
އަންނަ އަހަރުގެ ޖޫން މަހު ރަޝިޔާގައި ފަށާ ވޯލްޑް ކަޕްގެ ކުރިން ދުނިޔޭގެ އެކިކަންކޮޅުތަކުގެ އެކި ގައުމުތަކަށް ޓްރޮފީ ގެންނަ "ޓްރޮފީ ޓުއާ" ގައި ރާއްޖެއަށް ތަށި ގެންނަން ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުގައެވެ.
ދެ ދުވަހު ރާއްޖޭގައި ތަށި ބެހެއްޓުމަށް ނިންމާފައިވާއިރު މިފަހަރުގެ ޓްރޮފީ ޓުއާ ސްޕޮންސަރ ކޮށްފައިވަނީ ކޮކާކޯލާއިންނެވެ. ރާއްޖޭގެ އިތުރުން ދުނިޔޭގެ އެކިކަންކޮޅުތަކުގެ މަޝްހޫރު ސިޓީތަކަށް ޓްރޮފީ ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން ލަންޑަނާއި ކޮލޮމްބޯ، ޕުކެޓް، ލާހޫރް، ދުބާއި ފަދަ ފަތުރުވެރިކަމުގެ ދާއިރާގައި މަޝްހޫރު ސިޓީތައް ވަނީ ހިމެނިފައެވެ. މިފަހަރުގެ ޓުއާ ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 22 ގައި އިނގިރޭސިވިލާތުގެ ލަންޑަނުންނެވެ.