Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

"ގާނޫނު ތަންފީޒު ކުރަން އެއްބާރުލުން ދޭން ޖެހޭ"

ޤާނޫނު ތަންފީޒު ކުރާ ހުރިހާ އިދާރާތަކުން ވެސް ފުލުހުންނާ ގުޅިވަޑައިގެން ޤާނޫނުތައް ދެމެހެއްޓެވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރެއްވުމަށާއި، ޤައުމުގެ މަޞްލަޙަތަށާއި ހަމަޖެހުމަށް އިސްކަން ދެއްވުމަށް ރައީސް ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު އެދިވަޑައިގެންްފި އެވެ.

ފުލުހުންގެ 80 ވަނަ އަހަރީ ޖަލްސާގައި ރޭ ވާހަކަ ވާހަކަ ދައްކަވަމުން ރައީސްގެ ވާހަކަފުޅުގައި، ފުލުހުންގެ ޚިދުމަތަކީ ވަރަށް ޝަރަފުވެރި ޚިދުމަތެއް ކަމަށާއި، ރައްޔިތުންނާ ގުޅިފައިވާ ވަރަށް ބޭނުންތެރި ޒުރޫރީ ޚިދްމަތެއް ކަމުގައި ވިދާޅުވި އެވެ.
އަދި ޤައުމާއި ރައްޔިތުންގެ މަޞްލަޙަތު ރައްކާތެރިކޮށް، ރައްޔިތުންނަށް އަމާން ވެށްޓެއް ޤާއިމުކޮށް ދިނުމުގައި ފުލުހުން އަދާ ކުރަމުންދާ ދައުރަކީ، ވަރަށްވެސް މުހިންމު ދައުރެއްކަން ރައީސް ބަޔާން ކުރެއްވިއެވެ.

އެހެން ނަމަވެސް، ފުލުހުންގެ މުއައްސަސާއާއި ފުލުހުންގެ އަގު ވައްޓާލައި، ޙަޤީޤަތާ ޚިލާފު މަޢުލޫމާތުތައް ފަތުރައި، ފުލުހުންނަކީ ޤައުމަށް ޚިޔާނާތްތެރިވާ ބަޔަކުކަން ދެއްކުމަށް މަދު ބަޔަކު މަސައްކަތް ކުރަމުން ގެންދާކަން އެއީ، ވަރަށް ހިތާމަހުރި ކަމެއް ކަމަށާއި، ފުލުހުންގެ މުއައްސަސާގެ ތަޞައްވުރު ގޯސްކުރުމަށް އެކުރާ މަސައްކަތާ މެދު ހޭލުންތެރި ވާން ޖެހޭ ކަމުގައި ރައީސް ވިދާޅުވި އެވެ.

އަދި މި ޤައުމުގައި ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނީ ވެސް، ފުލުހުންނަށް ލިބެން ޖެހޭ ޤަދަރާއި އިޙްތިރާމް ލިބިގެން ކަމަށާއި، ޤާނޫނު ލާޒިމް ކުރާ ވާޖިބުތައް ފުލުހުންނަށް އަދާ ކުރެވިގެން ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.

ހަމައެއާ އެކު ފުލުހުން، އެ ބުރަ މަސްއޫލިއްޔަތު އުފުއްލަވަމުން ގެންދަވާ އިރު، ފުލުހުންނަށް ފުރިހަމަ އެހީތެރިކަމާއި އެއްބާރުލެއްވުން ރައްޔިތުން ދެއްވަން އެބަ ޖެހޭކަން ރައީސް ފާހަގަ ކުރެއްވި އެވެ. އަދި ފުލުހުން މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން މިނިވަންކަމާ އެކުގައި ކަމަށް ވިދާޅުވިއެވެ.

މި ރޮނގުން ވާހަަކަފުޅު ދައްކަވަމުން، ޤާނޫނު އަސާސީ އާއި ޤާނޫނާ ޚިލާފު އެއްވެސް އަމުރެއް ފުލުހުންނަށް ނުކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް، ދިވެހި ފުލުހުންނަށާއި ދިވެހި ރައްޔިތުންނަށް ރޭ ވެސް ދެއްވި އެވެ.

ރައީސްގެ ވާހަކަފުޅުގައި، ހިތާމައަކީ، ފުލުހުންގެ ވާޖިބު އަދާކުރުމުގެ ތެރޭގައި އެކިއެކި މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ނުވަތަ ބައެއް ޤަދަރުވެރި އާއިލާތަކުގެ ބޭފުޅުންނަށް ޤާނޫނުގެ ބާރު ހިންގަން ޖެހުމުން، އެ ބޭފުޅުން އެކަމާ ކަންބޮޑުވެވަޑައިގަތުން ކަމުގައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ކޮންމެ މީހަކީ މަސްއޫލުވެރި މީހަކަށް ވާން ޖެހެ އެވެ. ހަމައެހެންމެ، ކޮންމެ މީހަކީ ވެސް، އެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާ ކުރުމުގައި ޤައުމުގެ މަޞްލަޙަތަށާއި، މުޖުތަމަޢުގެ ހަމަޖެހުމަށާއި އެއްބައިވަންތަ ކަމަށް މަސައްކަތް ކުރާ މީހަކަށްވާން އެބަ ޖެހެ އެވެ.
ރީތި ނަމޫނާއެއް ދައްކައި، މީހުންނަށް އިޙްތިރާމްކުރާ އަދި އެ އިޙްތިރާމް ހޯދަން ދަންނަ މީހަކަށްވެސް ވާން އެބަޖެހެއެވެ. އަދި އެ ގޮތަށް ޢަމަލު ނުކުރެވޭ ނަމަ، އެކަމުގެ އަސަރު މުސްތަޤްބަލުގެ ޖީލަށް ފޯރުމަކީ، ނުވެނުދާނެ ކަމެއް ނޫން ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ފާއިތުވެ ދިޔަ 10 އަހަރަކީ ދިވެހި ޤައުމަށް ވަރަށް ބޮޑެތި ސިޔާސީ ބަދަލުތަކެއް އައި އަހަރުތަކެއް ކަމަށާއި، އޭގެ ސަބަބުން ރައްޔިތުންނަށް އެކިއެކި މިންވަރުގެ ހަލަބޮލިކަން ތަޙައްމުލު ކުރަން ޖެހުނު ދުވަސްތަކެއް ކަަމަށް ވިދާޅުވި އެވެ.
އަދި އެފަދަ ވަގުތުތަކުގައިވެސް ޤައުމުގައި އަމާންކަން ޤާއިމްކޮށް، ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ހޯދައި ދިނުމަށް ފުލުހުން ކުރައްވާފައި ވަނީ ވަރަށް ބުރަ މަސައްކަތްތަކެއްކަން ބަޔާން ކުރައްވައި، ފުލުހުންނަށް ރައީސް ޝުކުރު އަދާ ކުރެއްްވި އެވެ. އަދި ފުލުހުންގެ ޢާއިލާތަކުން ވަރަށް ކެތްތެރިކަމާ އެކު ފުލުހުންނަށް ވަރަށް ބޮޑު އެއްބާރުލެއްވުމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދެވިކަން ވެސް ރައީސް ފާހަގަކުރައްވައި، ފުލުހުންގެ ޢާއިލާތަކަށް ޝުކުރު އަދާ ކުރެެއްވި އެވެ.

ރައީސްގެ ވާހަކަފުޅުގައި، ފުލުހުންގެ މުއައްސަސާގެ ޤާބިލުކަން އިތުރު ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލައްވަމުން، ފުލުހުންގެ މުއައްސަސާއަކީ، ވަރަށް ޤާބިލު، ތަޢުލީމީ މީހުން ތިބި މުއައްސަސާއަކަށް ހެއްދެވުމަކީ، ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވަމުން ގެންދަވާ ކަމެއް ކަމުގައި ވިދާޅުވި އެވެ.

އަދި އެގޮތުން ކުރައްވާ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލެއްވި އެވެ. ފުލުހުންގެ ރިޒާވް ފޯހެއް އުފެއްދެވުމަސް ކެބިނެޓުން ނިންމެވުމާ ގުޅިގެން، އެ މަސައްކަތް މިހާރު ހިނގަމުންދާކަން ހާމަކުރައްވަމުން، މިކަމުގެ ސަބަބުން ޒުވާނުންނަށް ވަޒީފާގެ އިތުރު ފުރްޞަތުތައް ހުޅުވިގެން ދާނެ ކަމަށާއި، އަދި ރައްޔިތުންނަށް އިތުރު ހަމަޖެހުން ލިބި، ޤައުމުގައި ޞުލްޙަމަސަލަސްކަން ޤާއިމް ކުރެވިިގެންދާނެ ކަމަށް ޔަޤީންކުރައްްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފުލުހުންގެ މުއައްސަސާ އިން މިހާރު ވަނީ ފަށްޓަވާފައިވުމާ އެކު، އެ މަސައްކަތަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވުމަށް ރާއްޖޭގެ ރައްޔިތުންނަށް ރައީސް އިލްތިމާސް ކުރެއްވި އެވެ.
އަދި ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީތަކުންނާއި، އިންތިޚާބުގައި ވާދަކުރައްވާ ފަރާތްތަކުން ފުލުހުންނަށް އެއްބާރުލެއްވުން ދެއްވުމަށް ވެސް ރައީސް އެދިވަޑައިގެންނެވި އެވެ.