Last Updated: June 15, 23:32
Monday, June 15, 2026
ޚަބަރު

ދައުލަތުން އަޅުގަނޑަށް ފައިސާ ދޭން އެބަހުރި: ރައީސް

ދިވެހި ރައްޔިތުންގެ ފައިސާގައި ޖެހިފައި ނުވާނެ ކަމަށާއި އެހެން ނަމަވެސް ދިވެހި ދައުލަތުން ރައީސް ޔާމީނަށް ދޭން ޖެހޭ ފައިސާތަކެއް އަދިވެސް އެބަހުރި ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެއެވެ.

ބ. އޭދަފުށީ ބިން ހިއްކުމުގެ މަޝްރޫއު ނިންމަވައި ދެއްވުމަށް މިއަދު އެރަށަށް ވަޑައިގެން ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި އެމަނިކުފާނުގެ ރުހުމާއި ދެކޮޅަށް ސިފައިންގެ ބެލުމުގެ ދަށުގައި ބެހެއްޓީ ގާނޫނާއި ޚިލާފަށް ކަމަށް ކަނޑައަޅައި، އެމަނިކުފާނަށް ދިނުމަށް ދައުލަތުގެ މައްޗަށް ހުކުމްކުރި ފައިސާ މިއަދާ ހަމައަށްވެސް ލިބިފައިނުވާ ކަމަށް ވިދާޅުވެފައެވެ.

ކޮރަޕްޝަނުން ރައީސް ޔާމީން ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ބުނުމަށް ރައްދު ދެއްވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ ގާނޫނާއި ޚިލާފަށް އެންގި އެންގުމަކުން އެއްވެސް މީހަކު އެމަނިކުފާނުގެ ސަރުކާރުން ހައްޔަރުކޮށްފައިނުވާނެ ކަމަށާއި އެހެނަސް، ކުރީގެ ސަރުކާރުތަކުގައި އެކަން އޮތީ އެގޮތަށް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އިދިކޮޅު ފަރާތްތަކުގެ ތެރޭގައި ތިއްބެވި ބައެއް ލީޑަރުން ދައުލަތަށް ދައްކަން ޖެހޭ ފައިސާތައް އެބަހުރި ކަމަށް ވިދާޅުވެ އިދިކޮޅަށް ފާޑުވިދާޅުވެފައިވެއެވެ. އަދި އަނިޔާވެރިޔެއް ކަމަށް އިދިކޮޅު ފަރާތްތަކުން އެމަނިކުފާނު ލޭބަލް ކުރަނީ އެފަދަ މައްސަލަ ތަކުގައި ގާނޫނު އެއްކިބާނުކޮށް ކެކުރީގެ ބޮޑުމިނަށް ނުބަލާތީ ކަމަށް ވެދާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެލާރިއަކީ ނުހޯދާ ދޫކޮށްލާނެ ލާރިތަކެއް ނޫން ކަމަށް ރައީސް އިތުރަށް ވިދާޅުވިއެވެ.

"މި ހޯދަން އުޅޭ ފައިސާގެ ބައިކުޅަ ބައި ލިބުނަސް އޭދަފުއްޓަށް ބޭނުންވެފައިވާ ކަންކަން ހާސިލުކުރެވޭނެ، އެހެންވެ ކީއްވެގެންތޯ މި ފައިސާ ނުހޯދަންވީ؟، އަޅުގަނޑު އެ ފައިސާ ހޯދަން މި މަސައްކަތް ކުރަނީ ދައުލަތުގަ އެކަމަށް ކަނޑައަޅާފައިވާ މުއައްސަސާތައް ބޭނުންކޮށްގެން، ދެން އަޅުގަނޑު އޭގަ ކީއްތޯ ކުރާނީ، އެއީ މަޝްވަރާ ނުކުރުމެއް ވެސް ނޫން، އަނިޔާވެރިވުމެއް ވެސް ނޫން،"

ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބު އިސްކޮށް ހުންނަވައިގެންވެސް ދައުލަތުން ގިނަ އަދަދެއްގެ ފައިސާ އިން ޚިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް މިހާރު ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ އަދީބު ވަނީ އެފައިސާތައް ވީނުވީއެއް ރަނގަޅަށް އެނގޭނީ ރައީސް ޔާމީނަށް ކަމަށް ބުނެ ތުހުމަތުގެ އިނގި އަނބުރާލާފައެވެ.