އިނގިރޭސިވިލާތުގެ ލިވަޕޫލްގައި ރޭ ފުލުހުންނަށް ފިލަން ދުއްވި ދެމީހެއްގެ ތެރެއިން އެކަކު ނުރައްކާތެރި އެކްސިޑެންޓެއްވެ އަނިޔާތަކަށް ފަރުވާދެމުންދަނިކޮށް މަރުވެއްޖެއެވެ.
ފުލުހުން އަތުލަމުންދިޔަ ކާރުގައި ދެމީހުން ތިބި ކަމަށާއި އެކްސިޑެންޓުގައި މަރުވެފައިވަނީ އުމުރުން 30 އަހަރު ކަމަށް ބެލެވޭ މީހެކެވެ. ފުލުހުން ވަނީ ކާރު ދުއްވަން ހުރި މީހާ އެތަނުން ހައްޔަރުކޮށްފައެވެ.
އެކްސިޑެންޓުވީ މަގުގައި ޖަހާފައިހުރި ބަސް ހުއްޓި ނިޝާނަކަށް ކާރު އެރުމަށްފަހުގައެވެ. އޭނާ ދުއްވާފައި ދިޔަ ބާރު ސްޕީޑުގައި ބަސް ހުއްޓިއަށް އަރައި ހިނގި އެކްސިޑެންޓުގައި ކާރަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އަދި ބަސް ހުއްޓިވެސް ވަނީ އެއްކޮށް ހަލާކުވެފައެވެ.
މިމައްސަލަ މިހާރު ލިވަޕޫލް ފުލުހުން ތަހުގީގު ކުރަމުން އަންނައިރު އެކްސިޑެންޓުގައި މަރުވީ ކާކުކަން ދަނެގަތުމަށްފަހު އާއިލާއަށް އެކަން އެންގުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް "ޑެއިލީ މިރާ" އިން ރިޕޯޓުކޮށްފައިވެއެވެ.