ހިތަދޫ ލިންކު ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ދެމީހަކަށް އަނިޔާވެއްޖެއެވެ.
އެކްސިޑެންޓު ހިނގާފައި ވަނީ ލިންކު ރޯޑުން ދަތުރުކުރި ސައިކަލަކާއި ޕިކަޕު ޓްރަކެއް ޖެހިގެންނެވެ. ޚަބަރު ލިބޭ ގޮތުގައި ސައިކަލުގައި ތިބި ދެ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ޕިކަޕް ޓްރަކުގައި ސައިކަލު ޖެހި، ސައިކަލާއި މީހުން ވަނީ މަގުން ބޭރަށް ވިއްސައިގެން ގޮސްފައެވެ. އެކްސިޑެންޓު ހިނގި ސަރަހައްދުގައި ގިނަ އަދަދެއްގެ ލޭ ފެންނަން ހުރިއިރު އެކްސިޑެންޓުވި ސައިކަލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނެވި މުހައްމަދު ނަޖީބު 'އައްޑޫލައިވް' އަށް ވިދާޅުވީ، އެކްސިޑެންޓްވި 2 ޒުވާނުންގެ ތެރެއިން 13 އަހަރުގެ ކުއްޖާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށާއި އެކްސިޑެންޓްގައި ލިބުނު ޒަހަމްތަކުގައި އެތެރެހައްޓަށް ލޭ އެޅިފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އަދި މިހާރު އެ ކުއްޖާ އިމަޖަންސީގައި މާލެ ފޮނުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެކްސިޑެންޓް ހިނގި އިރު ސައިކަލްގައި ދެން އިން 21 އަހަރުގެ ޒުވާނާ އަށް ވެސް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. އޭނާގެ ބޮލަށް ވެސް އަނިޔާވެފައިވާއިރު ދެ ފައިގައި ވެސް ރެނދުލާފައިވާ ކަމަށް ނަޖީބު ވިދާޅުވިއެވެ.
މި ދެ ޒުވާނުން ވެސް އިތުރު ފަރުވާއަށް މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނައިރު އަދި ފްލައިޓުން ޖާގަ ނުލިބޭ ކަމަށް ވެއެވެ.