Last Updated: April 26, 06:25
Friday, April 26, 2024
ސިޔާސީ

ނަޝީދު އަވަހާރަކޮށްލަން ރާވާ: އެމްޑީޕީ

ބޭރުގެ ކުލީ ސިފައިން ލައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުޙަންމަދު ނަޝީދު އަވަހާރަކޮށްލުމަށް ބަޔަކު މަސައްކަތް ކުރާ ކަމުގެ އަޑުތައް ފެތުރެމުންދާ ކަމަށް ނަޝީދުގެ އޮފީހުން ބުނެފި އެވެ.

މިކަމާ ގުޅިގެން ނަޝީދުގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަވަހާރަކޮށްލުމަށް ދުރުމީ ހަރުކޮށްފައިވާ ބަޑިއެއް އެތެރެކޮށްފިކަ މަށާއި އެކަން ކުރާނެ ކަމަށް ތުހުމަތު ކުރެވޭ ބިދޭސީ ދެ މީހަކު މިހާރު ރާއްޖެ އަތުވެއްޖެކަމުގައި ފެތުރެމުންދާ ކަމަށެވެ.

އަދި ރައީސް މުޙަންމަދު ނަޝީދު އަށް ތާއީދު ކުރައްވާ ފަރާތްތަކުން މިހާރު ވަނި ސަރުކާރުގެ ބާރުތަކާ ހަވާލުވެވަޑައިގެން ތިއްބެވި ބޭފުޅުންނަށް ރަސްމީކޮށް އެ މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށް ވެސް ރައީސް ނަޝީދުގެ އޮފީހަށް މަޢުލޫމާތު ލިބިފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ. އަދި މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހަށް ލިޔުމުން ވަނީ އަންގާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް އަރުވަން ޖެހޭ އިނާޔަތްތަކާ އަދި ރައްކާތެރިކަން ލިބިވަޑައިގަންނަވަން ޖެހޭނެ ކަމަށާއި އާންމުންގެ ތެރޭގައި ފެތުރެމުން އަންނަ ވާހަކަތަކާ މެދު އަޅުއްވަން ޖެހޭ އެންމެހައި ފިޔަވަޅުތައް އަޅުއްވައި ޤާނޫނީ ވާޖިބު އަދާ ކުރެއްވުމަަށް ރައީސް ނަޝީދުގެ އޮފީހުން، ސަރުކާރުގެ ބާރުތަކާ ހަވާލުވެވަޑައިިގެން ތިއްބެވި ފަރާތްތަކަށް ނަޝީދުގެ އޮފީހުން ވަނީ ގޮވާލާފަ އެވެ.