މި ސަރުކާރުން އަނިޔާވެރިކޮށް ހައްޔަރު ކުރި އެންމެ މީހަކު ވެސް ނުދެއްކޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ރައީސްއަށް ރައްދު ދެއްވައިފި އެވެ.
މަހޭ ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އަނިޔާވެރިކޮށް ހައްޔަރުކުރި މީހުން ރައީސް ޔާމީނަށް ސާފުކޮށްދެވޭނެ ކަމަށާއި އެކަން ކުރުމުގައި ބައިވެރިވި މީހުންނާ ގާނޫނު އަރާ ހަމަކުރާތަން އޮތީ ވަރަށް ކައިރީގައި ކަމަށެވެ.
"އަނިޔާވެރިކޮށް ހައްޔަރުކުރި މީހުން ޔާމީނަށް ސާފުކޮށްދީ، އެކަން ކުރުމުގައި ބައިވެރިވި މީހުންނަށް ގާނޫނު އަރާ ހަމަކޮށް އަދަބު ކަނޑައެޅޭ ދުވަސް ﷲ ގެ އިރާދަފުޅާއެކު އޮތީ ދާދި ގާތުގަ. މިއަދު ދޭ އަނިޔާއާއި ވޭން އަދި ކުރާ މަލާމާތުގެ ރަހަ ޖަލުން ދެކޭނެ،"
އިއްޔެ ބ. ކެންދޫއަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުވައި ދިނުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ މިސަރުކާރުން ގާނޫނުން ބޭރުން، އަނިޔާވެރިކޮށް ހައްޔަރުކުރި އެއްވެސް މީހަކު ދައްކާނުލެވޭނެ ކަމަށެވެ. އަދި ކުރީގެ ސަރުކާރުތަކުގައި އެކަން އޮތީ އެގޮތަށް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ނަމަވެސް އިދިކޮޅު ފަރާތްތަކުން ވަނީ ކާނަލް ނާޒިމް ފްރޭމްކުރި ކަމަށް ކުރީގެ ނައިބު ރައީސް އަދީބު އަމިއްލައަށް އިއުތިރާފް ވެފައިވާއިރުވެސް ނާޒިމް މިނިވަންކޮށްފައިނުވާ ކަން ފާހަގަކޮށްފައެވެ. އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރުކޮށް ހުކުމް ކުރުމެއް ނެތި ޖަލުގައި 150 އަށްވުރެ ގިނަ ދުވަހު ބަންދުކޮށްގެން ބަހައްޓާފައި ހުރި ހުރުން ފާހަގަކޮށް ރައީސް ޔާމީންގެ ބަސްފުޅަށް ފާޑުކިޔާފައިވެއެވެ.