މީގެ ކުރިން ވެސް ޒުވާން އެކްޓަރުން ބޮލީވުޑަށް ލޯންޗްކޮށްދީ ޒުވާން ތަރިން ފިލްމީ ދާއިރާ އަށް ވަނުމަށް ހިތްވަރު ދީފައިވާ ސަލްމާން ހާން އަނެއްކާ ވެސް ބޮލީވުޑަށް އާ ތަރިއަކު ނެރުމަށް ތައްޔާރުވެއްޖެ އެވެ.
މި ފަހަރު އޭނާ ލޯންޗް ކުރަނީ އެކުވެރިޔާ އަދިތިޔާ ޕަންޗޯލީ އާއި ބަތަލާ ޒަރީނާ ވައްހާބްގެ ފިރިހެން ދަރިފުޅު ސޫރަޖް ޕަންޗޯލީ، 22، އެވެ. މިކަން ސޫރަޖްގެ ބައްޕަ އަދިތިޔާ ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ. އޭނާ އަދި ބުނީ އެކަން ރަސްމީކޮށް އިއުލާން ކުރާނީ ސަލްމާން ކަމަށެވެ.
އެހެން ނަމަވެސް ސަލްމާންގެ އެހީތެރިކަމާ އެކު ސޫރަޖް ލޯންޗް ކުރަން ހަމަޖެހިފައި ވަނީ ކޮން ޑައިރެކްޓަރަކު ހަދާ ކޮން ފިލްމަކުން ކަމެއް އެއްވެސް ފަރާތަކުން އަދި ހާމައެއް ނުކުރެ އެވެ.
އެކްޓިން ކެރިއާއެއް ފަށަން ސޫރަޖް ވެސް ތައްޔާރުވަމުން އަންނަ އިރު އޭނާ ވަނީ ޑައިރެކްޓަރު ރާހުލް ރަވައިލްގެ އެކްޓިން ސްކޫލުން ތަމްރީނު ވެސް ހޯދާފައެ އެވެ. އަދި ސަންޖޭ ލީލާ ބަންސާލީ 2010 ވަނަ އަހަރު ޑައިރެކްޓް ކުރި "ގުޒާރިޝް" އާއި މިދިޔަ އަހަރި ރިލީޒްވި ސަލްމާންގެ "އެކް ތަ ޓައިގާ" ގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ސޫރަޖް މަސައްކަތްކޮށްފައިވެ އެވެ.
ސަލްމާން ވަނީ އަރުޖުން ސޮނާކްޝީ ސިންހާ އާއި އަރުޖުން ކަޕޫރު ފަދަ ތަރިން ބޮލީވުޑަށް ނެރުމަށް ބޮޑު މަސައްކަތްތަކެއްކޮށްފަ އެވެ.
ސަލްމާންގެ ބޮޑީގާޑް ޝޭރާގެ އުމުރުން 20 އަހަރުގެ ފިރިހެން ދަރިފުޅު ވެސް ލޯންޗް ކުރުމުގެ ޒިންމާ އާ ސަލްމާން ވަނީ ހަވާލުވެފަ އެވެ.