Last Updated: June 15, 23:32
Monday, June 15, 2026
ޚަބަރު

"ރާއްޖޭގެ މައްސަލަތަކަށް ބޭރުން އުނދުޅި ބާނާކަށް ނުޖެހޭ"

ރައީސް ޔާމީން ތުޅާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަނީ: ފޮޓޯ - ރައީސް އޮފީސް

ދިވެހި ރާއްޖޭގެ މައްސަލަތަކަށް ބޭރުގެ ފަރާތްތަކުން އަތް ބާނައި، "އުނދުޅި ބާންޖެހޭ" އެއްވެސް ސަބަބެއް ނެތް ކަމަށާއި އެއީ ބަޔަކު ގަސްދުގައި ކުރުވާ ކަމެއް ކަމަށްބުނެ ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން މިއަދު ފާޑުވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި އެމްޑީޕީ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ޑރ. އަހުމަދު ޝަހީދަށާއި އެމްޑީޕީއަށް ފާޑުކިޔުންތައް އަމާޒުކޮށްފައިވެއެވެ. ރައީސް ވިދާޅުވެފައިވަނީ ޑރ. ޝަހީދު ރާއްޖެއަށް ބޭރު ގައުމެއްގެ ސްޕެޝަލް ފޯސެސް ގެނެސްގެން ރާއްޖެ ހިފަންވެއްޖެ ކަމަށް ޓުވީޓު ކުރި ހަނދާން އެބަހުރި ކަމަށެވެ.

އަދި މިހާރުވެސް ބޭރުގެ ނުފޫޒުތައް ރާއްޖެއަށް ފޯރުވަން މަސައްކަތް ކުރެވެމުންދާ ކަމަށާއި އެއީ ހުއްޓުވަން ޖެހޭ ކަންތައްތައް ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

"އަދި ހަމައެހެންމެ މިހާރު މި ހިނގާ ކަންތައްތަކުގައި ވެސް އަޅުގަނޑުމެންގެ ރާއްޖޭގެ ފުންނާބު އުސް ބައެއް ބޭފުޅުން ބޭރުގެ ދައުލަތްތަކާއި ސަފީރުންނަށް ދައުވަތު ދެއްވުމާއި ދިވެހި ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެ މީހުންގެ ނުފޫޒު ފޯރުވަން ދެއްވާ ދައުވަތަކީ ދިވެހި ދައުލަތުގެ ހައްގަކަށް [އަރައިގަތުން]." ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީން ވަނީ ދާދި ފަހުން ކައުންސިލްތަކަށް ބޭރުގެ ޑިޕްލޮމެޓުންނާއި ޖަމާއަތްތަކާއި ބައްދަލުކުރުން ޚާއްސަ ހުއްދައެއްގެ ދަށުން ނޫނީ މަނާކޮށްފައެވެ. ސަރުކާރުން ބުނެފައިވަނީ އެކަން އެގޮތަށް ނިންމީ ރާއްޖޭގެ ދާޚިލީ އަދި ޚާރިޖީ ސިޔާސަތުތައް ހިމާޔަތް ކުރުމަށް ކަމަށެވެ.

ރާއްޖޭގެ އުތުރުގެ ބައެއް އަތޮޅުތަކަށް ރައީސް ޔާމީން މިހާރު ކުރައްވާ ދަތުރުފުޅުގައި ވަރަށް ގިނަ މަޝްރޫއުތައް ނިންމަވައި، އަދި ބައެއް މަޝްރޫއުތައް ދަނީ ފައްޓަވައި ދެއްވަމުންނެވެ. އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވެ ރައީސް ޔާމީން ވަނީ ތަރައްގީ ނުގެނެސްދެވޭ ކަމަށް ބުނާ ބުނުމަށް ރައްދު ދެއްވާފައެވެ.