މަޝްވަރާ ކުރުމަކީ އިސްރާފެއް ނޫން ކަމަށާއި އެއީ ޑިމޮކްރަސީގެ އެންމެ މުހިންމު ތަނބު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި މަޝްވަރާގެ މުހިންމު ކަމަށް އަލިއަޅުވާލާފައިވަނީ ދާދި ފަހުން ރައީސުލް ޖުމުހޫރިއްޔާ އޭދަފުއްޓަށް ވަޑައިގެން މަޝްވަރާ ކުރުމަކީ ވަގުތު ނަގާލާ، ބޮޑު އިސްރާފެއް ކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
Mashwarā kurumakī isrāfeh nūn. Eī democracy ge emme varugadha than’bu. Mashwarā kurumuge muhimmukan Kīrithi Qur’an gai varah sāfukoh bayān kuravvāfai vē.
— Maumoon Abdul Gayoom (@maumoonagayoom) December 26, 2017
ރައީސް ޔާމީން އޭދަފުށި ރައްޔިތުންނާ ބައްދަލުކޮށް ދެއްކެވި ވާހަކާގައި ވިދާޅުވެފައިވަނީ މަޝްވަރާ ކުރުމަކީ އިސްރާފެއް ކަމަށެވެ. އަދި އެކަން ދެން ނުކުރައްވާނެ ކަމަށާއި އެއީ އިދިކޮޅު ފަރާތްތަކުން އެކަމަށް އެއްބާރުލުން ނުދޭތީ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޔާމީނާއި ސަރުކާރުން ވަނީ ތަކުރާރުކޮށް އިދިކޮޅު ފަރާތްތަކަށް މަޝްވަރާގެ މޭޒަށް ވަޑައިގަތުމަށް ދައުވަތު އަރުވާފައެވެ.
ނަމަވެސް އިދިކޮޅު ފަރާތްތަކުން ވަނީ އިދިކޮޅު ސިޔާސީ ލީޑަރުން ޖަލަށް ލާފައިވަނީ ނުޙައްގުން ކަމަށާއި ލީޑަރުން ޖަލުން މިނިވަން ކުރުމުން ނޫނީ ސަރުކާރާއެކު ކުރާނެ މަޝްވަރާއެއް ނެތް ކަމަށެވެ.