ދިވެހި ގައުމީ ފުޓުބޯޅަ ޓީމު އަފްޣާނިސްތާނާއި ބައްދަލުކުރި މެޗެއްގެ ފުރަތަމަ ހާފު ނިންމާލުމަށްފަހު ދަނޑަށް އަނބުރާ އައުމަށް ކަނޑައެޅި ވަގުތަށް ނާދެވުމުން އޭއެފްސީން ގައުމީ ޓީމު ޖޫރިމަނާކޮށްފިއެވެ.
އޭއެފްސީ ކޮލިފައިންގައި އަފްޣާނާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައި ދެވަނަ ހާފުގެ ކުޅުން ފެށުމަށް ރާއްޖެ ޓީމު ދަނޑަށް އަރާފައިވަނީ ދެ މިނެޓު ލަހުން ކަމަށް އޭއެފްސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އަދި މިކަމުގެ އަދަބަކަށް އޭއެފްސީން ވަނީ ގައުމީ ޓީމު 1،500 ޑޮލަރު (23،130ރ.) އިން ޖޫރިމަނާކޮށްފައެވެ. އަދި ޖޫރިމަނާގެ ފައިސާ އޭއެފްސީއަށް 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެފްއޭއެމަށް ވަނީ އަންގާފައެވެ.
އޭއެފްސީން ވަނީ މިއަހަރު ތެރޭ ރާއްޖޭގެ ޖޫނިއާ ޓީމުތައްވެސް ގަވާއިދާއި ޚިލާފުވުމުން ޖޫރިމަނާ ކޮށްފައެވެ. އަދި ބައެއް ކުޅުންތެރިންވެސް ޖޫރިމަނާ ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.