Last Updated: June 15, 23:32
Monday, June 15, 2026
ކުޅިވަރު

ކޭންގެ ރެކޯޑާއެކު ސްޕާސްއަށް ފަސޭހަ މޮޅެއް

މީލާދީ އަހަރެއްގެ ތެރޭގައި އެންމެ ގިނަ ޕްރިމިއާ ލީގު ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑު 39 ގޯލާއެކު ޓޮޓެންހަމް ހޮޓްސްޕާސްގެ ފޯވާޑް ހެރީ ކޭން ހަދައިފިއެވެ.

މިއަދު ސަދަމްޓަންއާ ދެކޮޅަށް ސްޕާސް ކުޅުނު މެޗު ސްޕާސް ކާމިޔާބުކޮށްފައިވަނީ 2-5 އިންނެވެ. މެޗުގައި ކޭން ހެޓްރިކް ހަދާފައިވާއިރު ދެން ގޯލު ޖަހާފައިވަނީ ޑެލޭ އަލީގެ އިތުރުން ހިއު މިންގް ސޮންއެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ކޭން ލަނޑު ޖަހައި ލީޑު ނަގާފައިވާއިރު 40 މިނެޓު ވުމުގެ ކުރިން އޭނާ ވަނީ 0-2 އަށް ލީޑު ފުޅާކޮށްފައެވެ. ދެވަނަ ހާފު ފެށިގެން ފަސް މިނެޓުވެސް ނުވަނީސް ޑެލޭ އަލީ ވަނީ އިތުރު ގޯލެއް ޖަހާފައެވެ. ދެ މިނެޓު ނުވަނީސް ސްޕާސްގެ ސޮން ވަނީ އެޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށް މެޗު ނިންމާލާފައެވެ.

ސަދަމްޓަން އިން 64 ވަނަ މިނެޓުގައި ލަނޑެއް ޖަހާފައިވާއިރު ހެރީ ކޭން ވަނީ 67 ވަނަ މިނެޓުގައި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މެޗުގެ އެންމެ ފަހު ލަނޑު ފެނިގެން ގޮސްފައިވަނީ 82 ވަނަ މިނެޓުގައި ސަދަމްޓަންގެ ޑޫސާން ޓެޑިޗްގެ ފަރާތުންނެވެ.

މިއަދު ހެރީ ކޭން ކާމިޔާބު ކުރި ހެޓްރިކަކީ މިއަހަރު އޭނާގެ 8 ވަނަ ހެޓްރިކެވެ. ކޭން ވަނީ މިދިޔަ ހަފްތާގައި ބާންލީ ކޮޅަށްވެސް ހެޓްރިކް ހަދާފައެވެ. މީލާދީ އަހަރެއްގެ ތެރޭގައި އެންމެ ގިނަ ގޯލު ޖަހައި އެލަން ޝިއަރާގެ 36 ލަނޑުގެ ރެކޯޑު ބާންލީ މެޗުގައި ކޭން ވަނީ އެއްވަރުކޮށްފައެވެ.