ރާއްޖޭގެ އުތުރުން ތިން އަތޮޅަކަށް ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު އެނބުރި މާލެ ވަޑައިގެންފިއެވެ.
ރައީސް ޔާމީން ވަޑައިގެންފައިވަނީ ނ. އަތޮޅާއި ޅ. އަދި ބ. އަތޮޅަށެވެ. އެ އަތޮޅުތަކުގައި ހިނގަމުން ދިޔަ މަޝްރޫއުތަކުގެ ތެރެއިން ބައެއް މަޝްރޫއުތައް ނިމި، ބައެއް މަޝްރޫއުތައް ރަސްމީ ގޮތުން ރައީސް ޔާމީން ވަނީ ފައްޓަވާ ދެއްވާފައެވެ.
މަސައްކަތް ނިމި، ރަސްމީކޮށް ރައީސް ވަޑައިގެން ހުޅުވައިދެއްވާފައިވާ މަޝްރޫއުތަކަކީ ނ. މާޅެންދޫ، ހޮޅުދޫ އަދި ވެލިދޫގެ ބަނދަރާއި މާޅެންދޫ މިސްކިތެވެ. އަދި ހެނބަދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ނަރުދަމާގެ މަސައްކަތް ވަނީ ފައްޓަވާ ދެއްވާފައެވެ.
ޅ. ހިންނަވަރަށް ވަޑައިގެން ރައީސް ޔާމީން ވަނީ ޔޫއެސްއެއިޑުގެ އެހީތެރިކަމާއެކު ހިންނަވަރުގައި ގާއިމް ކުރެވުނު ސާފު ބޯފެނުގެ ޚިދުމަތް ރަސްމީ ގޮތުން ފައްޓަވާ ދެއްވާފައެވެ.
ބ. އަތޮޅުން ރައީސް ވަޑައިގެންފައިވަނީ ކެންދޫ އާއި ތުޅާދޫގެ އިތުރުން އޭދަފުއްޓަށެވެ. ކެންދޫ، ތުޅާދޫގެ ބަނދަރު ރައީސް ޔާމީން ހުޅުއްވައިދެއްވާފައިވާއިރު އޭދަފުށީ ބިން ހިއްކުމުގެ މަޝްރޫއު ނިންމަވާ ދެއްވީ ރައީސް ޔާމީނެވެ. އަދި އެރަށުގެ އިތުރުން ތުޅާދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ޕްރޮގްރާމް ނިންމަވާދެއްވާފައިވެއެވެ.
ރައީސްގެ މިދަތުރުފުޅުގައި އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާއިރު އަންނަ އަހަރު ހުޅުވާ ޗައިނާ މޯލްޑިވްސް އެވަލާސްޓިން ފްރެންޑްޝިޕް ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް އިދިކޮޅު ފަރާތްތަކަށް ދައުވަތުވެސް އަރުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ. އަދި އިދިކޮޅު ފަރާތްތަކަށް ބުރިޖު ފެނިވަޑައިގަންނަވާތޯ ސުވާލު ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.