Last Updated: April 29, 18:17
Monday, April 29, 2024
ޚަބަރު

މީރާގެ ގޮތްޕެއް ހުޅުމީދޫގައި ގާއިމުކޮށް ދޭން އަލުން އެދެނީ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އޮފީހެއް ހުޅުމީދޫގައި ވީހާ ވެސް އަވަހަކަށް ހުޅުވައި ދިނުމަށް އެ އޮތޯރިޓީގައި އެދުމަށް އައްޑޫ ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.

ކައުންސިލުން މިގޮތަށް ނިންމީ އެ ކައުންސިލްގެ 3 ވަނަ ދައުރުގެ 29 ވަނަ ރަސްމީ ޖަލްސާގައި ހުޅުދޫ ކައުންސިލަރު އިބްރާހިމް ޝުކުރީ ހުށަހެޅުއްވި މައްސަލައާ ގުޅިގެންނެވެ.

ޝުކުރީ ހުށަހެޅުއްވި މައްސަލާގައި ހުޅުދޫ އަދި މީދޫ ރައްޔިތުންނަށް މީރާގެ ޚިދުމަތް ހޯދަން ކަނޑު ހުރަސްކޮށް ހިތަދު އަށް ދަތުރު ކުރަން ޖެހުމާއި އެކަމަށް އިތުރަށް ހިނގާ ޚަރަދުގެ އިތުރުން ގިނަ ތަކުލީފުތަކާ ކުރިމަތިލާން ޖެހޭ މައްސަލައަށް ހައްލެއް ހޯދުމަށް މީރާގެ އޮފީހެއް ވީހާވެސް އަވަހަކަށް ހުޅުދޫ ނުވަތަ މީދޫގައި ހުޅުވަންޖެހޭކަން ފާހަގަކޮށްފައިވެ އެވެ. އަދި އެކަމަށްޓަކައި މީރާގައި ދެންނެވުމަށް ކައުންސިލުން ފާސް ކުރި އެވެ.

މީގެ ކުރިން ވެސް ކައުންސިލުން މީރާ އަށް މިމައްސަލަ ހުށަހަޅާފައިވެ އެވެ.

އެ ފަހަރު މީރާ އިން ވަނީ މި ޑިސެމްބަރު މަހު މީރާގެ އޮފީހެއް ހުޅުމީދޫގައި ޤާއިމްކޮށް ދޭނެ ކަމަށް ބުނެފަ އެވެ.

ނަމަވެސް އަހަރު ނިމޭ އިރު އަދިވެސް މީރާގެ އޮފީހެއް ހުޅުމީދޫގައި ހުޅުވޭ ގޮތް ނުވާކަން ކައުންސިލުން ފާހަގަ ކުރި އެވެެ.

ކައުންސިލުން ބުނީ މި މައްސަލައަކީ ހުޅުމީދޫ ރައްޔިތުންނަށް ކުރިމަތިލާން ޖެހިފައިވާ ވަރަށް ބޮޑު ތަކްލީފެއްކަމުން ގިނަ އަދަދެއްގެ ރައްޔިތުންގެ ޝަކުވާ އަބަދުވެސް ކައުންސިލަށް ލިބެމުންދާ ކަމަށެވެ.