Last Updated: June 15, 23:32
Monday, June 15, 2026
ޚަބަރު

ޗެލްސީ އާއި ލިވަޕޫލަށް މޮޅެއް، ޔުނައިޓެޑް އެއްވަރު

ކުޓީނިއޯ އާއި ފިރްމީނޯ ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ: ފޮޓޯ - ޕްރިމިއާ ލީގް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކަށް ބަލާއިރު ޗެލްސީއާއި ބްރައިޓަން ބައްދަލުކުރި މެޗު 0-2 އިން ޗެލްސީ ވަނީ ކާމިޔާބުކޮށްފައެވެ. އަލްވާރޯ މޮރާޓާއާއި މާކޮސް އެލޮންސޯގެ ގޯލުތަކުން ޗެލްސީއަށް ފަސޭހަ ތިން ޕޮއިންޓު ލިބިފައިވާއިރު ރޭގެ މެޗުން މޮޅުވެ ޗެލްސީ ވަނީ ޔުނައިޓެޑާއި އެއް ޕޮއިންޓަށް ކައިރިއަށް ޖައްސާލާފައެވެ.

ލީޑު ފުޅާކުރަން ޔުނައިޓެޑަށް ލިބުނު ފުރުސަތު އެޓީމުން ނަގާލާފައިވަނީ ބާންލީއާ ދެކޮޅަށް ކުޅުނު މެޗު 2-2 އިން އެއްވަރުވެގެންނެވެ. މެޗުގެ ވަރަށް ކުރީކޮޅު ބާންލީއިން ގޯލު ޖަހައި ލީޑު ނަގާފައިވާއިރު ދެވަނަ ހާފު ނިމުމުގެ ކުރިން ޑެފޯ ވަނީ ލިބުނު ހިލޭ ޖެހުމަކުން ލީޑު 0-2 އަށް ފުޅާ ކޮށްފައެވެ.

ދެވަނަ ހާފުގައި ޔުނައިޓެޑުން އިތުރަށް މަސައްކަތް ކޮށްފައިވާއިރު ބާންލީއިން ވަނީ ބޮޑަށް ޑިފެންސަށް ވިސްނާފައެވެ. ޔުނައިޓެޑުގެ ފުރަތަމަ ގޯލު ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް ޖެސީ ލިންގާޑު ޖަހާފައިވާއިރު މެޗުން ޕޮއިންޓެއްވެސް ޔުނައިޓެޑަށް ލިބުނީ މެޗުގެ އެންމެ ފަހު ވަގުތުކޮޅު އަނެއްކާވެސް ލިންގާޑް ކާމިޔާބުކުރި ގޯލަކުންނެވެ.

ރޭ ލިވަޕޫލާއި ސްވެންސީ ބައްދަލުކުރި މެޗު 0-5 އިން ލިވަޕޫލް ވަނީ ކާމިޔާބުކޮށްފައެވެ. މެޗުގެ ހަވަނަ މިނެޓުގައި ކުޓީނިއޯ ލީޑު ނަގާފައިވާއިރު ލިވަޕޫލްގެ ފަހު ހަތަރު ގޯލު ފެނިގެން ގޮސްފައިވަނީ ދެވަނަ ހާފުގައެވެ. އެގޮތުން ރޮބާޓޯ ފިރްމީނޯ ރޭގައި ދެގޯލު ޖަހާފައިވާއިރު އެލެކްސެންޑަރ އާނޯލްޑާއި އެލެކްސް އޮކްސްލޭޑް ޗެމްބަލެން ވަނީ ލަނޑު ޖަހާފައެވެ.