އިއްޔެ ހިތަދޫ ލިންކް ރޯޑްގައި ސައިކަލަކާއި ޕިކަޕް ޓްރަކެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވި ގދ. ވާދޫ، ނެސްޓް، އަރުޝަން އިބްރާހިމްގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށް ފަހު ހިތަދޫ ހުކުރު މިސްކިތުގައި އޮންނާނެ ކަމަށް އާއިލާ އިން ބުނެފި އެވެ.
އަރުޝަން، 13، ގެ ކަށު ނަމާދުގައި ވީހާ ވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އާއިލާއިން ވަނީ އެދިފައެވެ. އިއްޔެ ހެނދުނު 9:50 އެހާކަށްހާ އިރު ހިތަދޫ ލިންކް ރޯޑުން ދުއްވާފައި ދަނިކޮށް ފަހަތުން އައި ޕިކަޕް ޓްރަކަކުން ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ އޭނާގެ ބޮލަށެވެ.

އަރުޝަމް ނިޔާވެފައި ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް، އިއްޔެ މެންދުރުގެ ވަގުތެއް ގައެވެ. އާއިލާއިން ބުނެފައި ވަނީ އޭނާ މާލެ ފޮނުވުމަށް ކުރި މަސައްކަތް ކާމިޔާބު ނުވީ ފްލައިޓަކުން ޖާގައެއް ނުލިބިގެން ކަމަށެވެ.
އެކްސިޑެންޓްގައި ދެން އަނިޔާވި މަރަދޫ، ހިރުދުގަސްދޮށުގެ، ހުސެއިން އަނަސް ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި އިތުރު ފަރުވާ އަށް މާލެ ފޮނުވާލާފަ އެވެ.