Last Updated: June 15, 23:32
Monday, June 15, 2026
ޚަބަރު

އަނަސްގެ ފަޔާއި ޅިނދުކަށިގަނޑު ވަނީ ބިނދިފައި: އައިޖީއެމްއެޗް

އިއްޔެ އައްޑޫ ސިޓީގެ ހިތަދޫ ލިންކު ރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވެ، އިތުރު ފަރުވާއަށް މާލެ ފޮނުވި ސ. މަރަދޫ ހިރުދުގަސްދޮށުގެ، އަނަސް ހުސެއިންއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވިނަމަވެސް މިވަގުތު އޮތީ ސްޓޭބަލް ހާލަތެއްގައި ކަމަށް އައިޖީއެމް ހޮސްޕިޓަލުން މައުލޫމާތު ދީފިއެވެ.

އައިޖީއެމްއެޗުން މައުލޫމާތު ދެއްވި އޮފިޝަލަކު ބުނެފައިވަނީ އަނަސްގެ ޅިނދުކަށިގަނޑުގެ ދެ ފަރާތުން ބިނދިފައިވާ ކަމަށެވެ. އަދި އޭނާގެ ދެފައިވެސް ވަނީ އެކްސިޑެންޓުގައި ބިނދިފައި ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ. ނަމަވެސް އިތުރު ބޮޑު އަނިޔާއެއް ލިބިފައިނުވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

ބޮޑެތި އަނިޔާތަކެއް ލިބުނު ނަމަވެސް މިހާރު އަނަސްގެ ހާލު ސްޓޭބަލް ކަމަށާއި މަޑުމަޑުން ރަނގަޅު ވަމުން އަންނަ ކަމަށް ހޮސްޕިޓަލުން ވާހަކަ ދެއްކި އޮފިޝަލް ބުނެފައިވެއެވެ.

އިއްޔެ ހިނގި އެކްސިޑެންޓުގައި އަނަސްގެ އިތުރުން 13 އަހަރުގެ ކުއްޖަކަށް ވަނީ އަނިޔާވެ، ލިބުނު އަނިޔާތަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައެވެ. އެކްސިޑެންޓު ހިނގާފައިވަނީ އަނަސް ދުއްވާފައި ދިޔަ ސައިކަލުގައި ބާރު ސްޕީޑެއްގައި ދުއްވާފައި އައި ޕިކަޕް ޓްރަކެއް ޖެހިގެންނެވެ.